އިސްލާމްއާބާދު (އޮކްޓޯބަރު 3): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރު ކަމަށް އަނެއްކާވެސް ހޮވައިފި އެވެ.

ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މިދިޔަ ޖުލައި މަހު މަގާމުން ދުރު ކުރި ނަވާޒް ޝަރީފު ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން)ގެ ލީޑަރު ކަމަށް ގެނައީ އެގައުމުގެ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެންނެވެ. އެގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރުމުން އޭނާއަށް ވަކި މުއްދަތެއް ވަންދެން ސަރުކާރުގެ މަގާމުތައް އަދާ ނުކުރެވޭނެ އެވެ.

ނަމަވެސް ޕީއެމްއެލްއެންގެ އަޣުލަބިއްޔަތު އޮންނަ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ނަވާޒް ޝަރީފަށް ޕާޓީގެ ލީޑަރު ކަމަށް އާދެވޭ ގޮތަށް މިދިޔަ ހުކުރު ދުވަހު އެގާނޫނު އިސްލާހުކޮށްފަ އެވެ.

ޕީއެމްއެލްއެންގެ އިސް މެމްބަރެއް ކަމަށްވާ ޖައުފަރު އިގްބާލް ވިދާޅުވި ގޮތުގައި ނަވާޒް ލީޑަރު ކަމަށް ހޮވީ ޕީއެމްއެލްއެންގެ ސެންޓްރަލް އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ ތާއިދާ އެކު އެވެ. ހަތަރު އަހަރުގެ ދައުރަކަށް ދެމިގެންދާ އެމަގާމަށް ޕާޓީގެ އިތުރު މެމްބަރަކު ވާދަ ނުކުރާ ކަމަށްވެސް އިގްބާލް ވިދާޅުވި އެވެ.

އެމަގާމަށް ހޮވުމާ ގުޅިގެން ނަވާޒް ޝަރީފް ވަނީ އޭނާ ސިޔާސީ މައިދާނުން ދުރަށް ޖައްސަން ބަޔަކު ގިނަ މަސައްކަތްތައް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އުމުރުން 67 އަހަރުގެ ނަވާޒް ޝަރީފް މަގާމުން ދުރުކުރީ، ޓެކްސް ނުދެއްކުމަށް ހަދާ އޮފްޝޯ ކުންފުނިތަކާއި ނަވާޒް ޝަރީފްގެ އާއިލާއާ ގުޅުން ހުރިކަން މިދިޔަ އަހަރު ބޭޒާރުކޮށްލި ޕެނަމާ ޕޭޕާސް އިން ހާމަވުމުންނެވެ. ނަމަވެސް ނަވާޒް ޝަރީފް ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

ނަވާޒް ޝަރީފަށް ފަހު އެގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ އޭނާގެ އަރިސް ފަރާތެއް ކަމަށްވާ ޝާހިދު ޚަގާން އައްބާސީ އެވެ. އަދި އޭނާ މަގާމުން ދުރު ކުރުމުން ގެއްލުނު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރީ އަނބިކަނބަލުން ކުލްސޫމް ނަވާޒް އެވެ. (ރޮއިޓާސް)