ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން މިއަހަރުގެ މިނިވަން ދުވަހު ސަރުކާރުން މިނިވަން ކުރާނެ ކަމަށް އިއުލާންކުރި 400 އެއްހާ ގައިދީން އެއްފަހަރާ މުޖުތަމައު ތެރެއަށް ދޫނުކުރާނެ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ މަރުހަލާގެ ގައިދީންތައް ދޫކޮށްލާނީ ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، މިނިވަން ދުވަހު ރައީސް އިއުލާން ކުރެއްވި "ދެވަނަ ފުރުސަތު"ގެ ދަށުން ހުރިހާ ގައިދީން އެއްފަހަރާ ދޫކޮށް ނުލަނީ އެމީހުން ދޫކޮށްލުމުގެ ކުރިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް ފުރިހަމަކުރަންޖެހޭތީ ކަމަށެވެ. އަދި ދޫކުރާ ގައިދީންނަކީ އެކި ގޮތް ގޮތަށް (އެކި ކުށްކުށުގައި) އެކި މަރުހަލާގައި ތިބި މީހުން ކަމަށް ވާތީ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

"ދޫކޮށްލުމުގެ ކުރިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރީމައި، ހެލްތު މިނިސްޓްރީއާ ހޯމް މިނިސްޓްރީ އާ ރައީސް އޮފީހުން ކުރަން ޖެހޭ ކަންތައްތައް ހަމަ ކެނޑިނޭޅި ކުރަމުންދަނީ، ދެން އެކަންތައްތައް ނިމުނުހާ އަވަހަކަށް މީހުން ދޫކުރަން ފެށޭނެ.. ބަޔަކުން ބަޔަކުން ކަހަލަ ގޮތަކަށް ދާނީ، އެއީ އެކި ހުކުމުގައި އެކި މަރުހަލާގައި ތިބި މީހުން ކަމަށް ވާތީ، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހުގައި ދޫކުރެވޭނީ،" ޒުހައިރު ވިދާޅުވި އެވެ.

ދެހަފްތާގެ ތެރޭގައި ގިނަ ބަޔަކު ދޫކޮށްލެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.

ގައިދީން ދޫކޮށްލާއިރު ސަރުކާރުގެ ހަރަދުގައި އެމީހުން މަދަނައިގާ ޖައްސާނެ ކަމަށާއި އެމީހުންނަށް މަދުވެގެން 2000ރ. ލިބޭ ވަޒީފާއެއް ހަމަޖައްސައިދީ، އެމީހުންގެ ކަންތައްތައް ބަލަހައްޓާނެ އޮފީހެއް ވެސް ގާއިމް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.