20 May 2010, 10:14
14:30
އަފްޣާނިސްތާނުގެ ތާލިބާނު ހަނގުރާމަވެރިންގެ މަންދޫބުންނާއި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަންދޫބުންނާ ދެމެދު ރާއްޖޭގައި މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް ރައީސް އޮފީހުން ކަށަވަރުކޮށްދީފި އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހޭރު މިއަދު ނެރުއްވި ބަޔާނެއްގައި، މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުން ބައިވެރިނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މި މަޝްވަރާތައް ހިނގަމުންދާ ވަކިތަނެއް ހާމަކުރެއްވެން ނެތް ކަމަށާއި، އެހެން ނަމަވެސް، މި މަޝްވަރާތައް ހިނގަމުންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންނަކީ، ޞައްޙަ ޕާސްޕޯޓް އޮތް، އަދި އ.ދ.ގެ އެއްވެސް ބްލެކް ލިސްޓެއްގައި ނުވަތަ އެހެންވެސް ބައިނަލްއަޤްވާމީ ބްލެކް ލިސްޓެއްގައި ނަން ހިމެނިފައިވާ މަންދޫބުން ނޫންކަން ޕްރެސް ސެކްރެޓަރީ ޔަޤީންކޮށްދެއްވާފައިވެ އެވެ. އަދި ރާއްޖޭގެ ސެކިއުރިޓީއަށާއި އިންޓެލިޖެންސް އެޖެންސީތަކަށް މިކަމާ ބެހޭ މަޢްލޫމާތު ސަރުކާރުން ދެއްވާފައިވާ ކަމުގައިވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވެ އެވެ.
އަފްޣާނިސްތާނުގެ އަމަންއަމާންކަން ގެއްލި އެޤައުމުގައި ހަމަނުޖެހުންތައް އުފެދިގެންދިޔުމަކީ، މި ސަރަޙައްދަށް ވެސް އެކަމުން އަސަރުތަކެއް ފޯރާނެ ކަމެއް ކަމަށް ވިދާޅުވެ، އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އެބައޮތްކަން ވެސް ޕްރެސް ސެކްރެޓަރީގެ އެ ބަޔާނުގައިވެ އެވެ.
ތާލިބާނުންނާއި އަފްގާން ސަރުކާރުގެ މި ބައްދަލުވުން އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ އަފްޣާނިސްތާނުގައި ހަނގުރާމަވެރިން ދޭ ހަމަލާތައް އިތުރުވެ، އެ ގައުމުގެ ދިފާއީ ހާލަތު ގޯސްވަމުންދާތީ އެކަމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ނުރަސްމީ ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުން އިންތިޒާމްކުރާ އެންމެ އިސް ފަރާތަކީ ހިޒްބުލް އިސްލާމީ ޕާޓީގެ ލީޑަރު ޖަރީރު ހިކުމަތުޔާރު ކަމަށާއި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންފައިވާ 45 ޑެލިގޭޓުންގެ ތެރޭގައި ދެން ހިމެނެނީ ތާލިބާނުންނާއި އަފްޣާނިސްތާނު ސަރުކާރުގެ އިސްވެރިންގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިބައްދަލުވުން ރާއްޖޭގައި ބާއްވަން މި ހަމަޖެއްސީ ރާއްޖެއަކީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ވިސާ ދޫކުރާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށް ވާތީ އެވެ. މިއީ ރާއްޖޭގައި މި ދެ ބައިމީހުންގެ ބައްދަލުވުމެއް ބާއްވާ ދެވަނަ ފަހަރެވެ.