މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ، "ބޮސް"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބޮސް"ގެ ޓިކެޓް، އޮލިމްޕަހުގައި މިއަދު ވިއްކަން ފަށާފައިވާއިރު، އެ ފިލްމުގެޕްރިމިއަރ ނައިޓްގެ ޓިކެޓެއް ވިއްކާނީ 200ރއަށެވެ. އަދިއިތުރު ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.

8 ސެޕްޓެމްބަރ 2017: "ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ހަފްލާގެތެރެއިން-----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޒުވާން ތަރި މަރިޔަމް އައްޒައާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، "ބޮސް"ގެ ޓިކެޓް މިއަދު ވިއްކަން ފެށުމާއެކު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާލި ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައިކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

"މިހާރުވެސް ވަނީ ހަތަރު ޝޯ ގާތްގަނޑަކަށް ފުލްވެފައި. ޓިކެޓް ވިއްކަން ފެށުމާއެކު، ޓިކެޓް ބުކިންގ މިވަނީ ހުއްޓާލާފައި،" ނަހޫ ބުންޏެވެ.

"މިހާރު ނޯޓުކޮށްފައި ހުރި ޓިކެޓްތައް މިމަހުގެ އަށް ވަނަ ދުވަހާ ހަމައަށް ނުނަގާ ނަމަ ކެންސަލް ވާނެ. ނޯޓްކޮށްފަ ތިބި މީހުން، ފޯނު ނަންބަރު ބުނީމަ ޓިކެޓް ވިއްކާނެ،"

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމު ރިލީޒްކުރާނީ އޮކްޓޫބަރު 31ގައި، ފިލްމުގެ ޓިކެޓް ނަންނޯޓުކުރުމަށް ހުޅުވާލާފައި ވާއިރު، ޓިކެޓް ވިއްކަން ފަށާނީ އޮކްޓޫބަރު 3 ވަނަ ދުވަހު -- ސަން ފޮޓޯ: ބޮސް

ދިވެހި ފިލްމުތަކަށް ލޯބިކުރާ ހިތްތަކުން އަދިވެސް ފޮހެވިގެން ނުދާ މަޝްހޫރު ފިލްމުތައް ކަމަށްވާ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ، ލޯތްބާއި ޖަޒުބާތުން ފުރިގެންވާ، "ނަހޫ ސްޓައިލް"ގެ "ބޮސް"ގެ ހުރިހާ މަސައްކެތެއް މިހާރު ވަނީ ނިމިފައެވެ. އަދި ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނޭ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ.

"މިހާރު ކުރިއަށް މިދަނީ، ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް. މަސައްކަތް ކުރިއަށް ދަނީ އެއްފަހަރާ ހަތަރު ސްޓޫޑިއޯގައި،" ނަހޫ ބުންޏެވެ.

ނަޙޫގެ "ބޮސް" ނުވަތަ "ކިސް"ގެ ޓްރެއިލާ އިން ފެނިގެންދާ ގޮތުގައި، ރާއިދު (ޔުނާން) އާއި އިބާ (އައްޒަ) އާ ދިމާވަނީ އިބާގެ ލޯބިވެރިޔާގެ ފަރާތުން ލިބިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުއްޓައެވެ.

އިބާގެ ވާހަކަތަކުން ދޭހަވާގޮތުން ރާއީއާ ދިމާވި ހިސާބުން އޭނާގެ މުޅި ހަޔާތް ބަދަލުވެގެންދެއެވެ. އަދި އޭގެ ފަހުން ދިމާވާ ހާދިސާތަކަށް ފަހު ދެމީހުން އެކަކު އަނެކަކާ ވަކިވާން ޖެހިދާނެތީ އެ ދެމެދުގައި އެ ބަދަލުކުރެވޭ އަސަރުގަދަ މުއާމަލާތްތަކުން ބެލުންތެރީންގެ ލޯތައް ކަރުނައިން ބަންޑުންކޮށްލާނޭ ކަމުގެ ޔަގީންކަން، ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑަކްޝަން ޓީމުން ވެސް ދެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ.