03 Oct 2017, 15:44
ރައްޔިތުންގެ މަޖިލީހުގެ ވަކައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.
އިދިކޮޅު އެމްޑީޕީން ބުނީ ފުލުހުން ތަހްގީގްކުރަމުންދާ މައްސަލައަކާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 އަށް ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ކޮން މައްސަލައެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ނާޒިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ އިރު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރެއްގެ މައްސަލަ ވަނީ ތަހްގީގް ނިންމައި ޝަރީއަތް ވެސް ފަށައިފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ 12 މަޖިލިސް މެމްބަރުން -- ފައިލް ފޮޓޯ
އެ 12 މެންބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ.
އެ މެންބަރުންގެ މައްޗަށް ފުލުހުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އެވެ.
އެ ދައުވާ އުފުލާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ފުލުހުންގެ ސަފުތައް ފެޅި ކަމަށް ތުހުމަތުކޮށެވެ.