މިނިވަން ވަކި ދައުލަތަކަށް ކެޓަލޯނިއާ ވެއްޖެ ނަމަ، ސްޕެނިޝް ލަލީގާ އިން ބާސެލޯނާ ނުފެނިދާނެ ކަމަށް އެ ކްލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

ސްޕެއިން އަތުން މިނިވަންވުމަށް ކެޓަލޯނިއާ އިން މިދިޔަ އާދީއްތަ ދުވަހު ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުން އެކަމަށް ހުރަސް އަޅަމުން ދަނިކޮށެވެ. ސްޕެއިންގެ ސަރުކާރުން ބުނާ ގޮތުގައި، އެ ވޯޓަކީ ގާނޫނާ ހިލާފަށް ނަގާ ވޯޓެކެވެ.

ކެޓަލޯނިއާގެ ވޯޓާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ލަސް ޕަލްމާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސާ ކުޅުނު މެޗު ކުރިއަށް ގެންގޮސްފައި ވަނީ ސަޕޯޓަރުން ނުވައްދަ އެވެ. އެ މެޗުން ބާސާ މޮޅުވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ބާޓޮމެއު ވިދާޅުވީ، ކެޓަލޯނިއާ މިނިވަން ވެއްޖެ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ލަލީގާ ދޫކޮށް ދިއުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

"އަދި އެ ހާލަތެއް ނާދޭ. އެކަމަކު ކުރިމަގުގައި ބާސާ ލަލީގާ ދޫކޮށް ހިނގައިދާނެ. އެކަމަކީ ބޯޑު ޑިރެކްޓަރުން މަޝްވަރާ ކުރަން ޖެހޭނެ ކަމެއް. އެކަމަކީ ހަމަޖެހިގެން ނިންމަން ޖެހޭނެ ކަމެއް. އަހަރެމެން އެކަން ރަނގަޅަށް ދިރާސާ ކޮށްފިއްޔާ އެންމެ ރަނގަޅު ހައްލު ފެންނާނެ،" ބާސާގެ ރައީސް ވިދާޅުވިއެވެ.

ކެޓަލޯނިއާ މިނިވަން ވެއްޖެ ނަމަ، ބާސާ ފަދަ ކެޓަލަން ކްލަބުތަކަށް އެހެން ގައުމެއްގެ ލީގެއްގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ސްޓޭޓްގެ ކުޅިވަރާ ބެހޭ ވަޒީރު ޖެރޭޑް ފިގުއެރާސް ވެސް ކުރިން ބުނެފައިވެ އެވެ. ލަލީގާއަށް ކުޅޭ ފާހަގަކޮށްލެވޭ ކެޓަލަން ކްލަބުތަކުގެ ތެރޭގައި ބާސާގެ އިތުރުން އެސްޕާނިޔޯލް ވެސް ހިމެނެ އެވެ.