03 Oct 2017, 12:12
ޝަރޫ ލޯންޗް ސާވިސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯ އަދި ފެނަކައާ އެކު ހިންގި ވިޔަފާރީގެ މުއާމަލާތުގައި އެ ކުންފުންޏަށް ގެއްލުމާއި ކުރިމަތިވީ މޮރީޝަސް ކޮމާޝިއަލް ބޭންކް (އެމްސީބީ)ގެ ސަބަބަން ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ޝަރޫ ލޯންޗް ސާވިސް އިން އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނި، ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިން ޑިރެކްޓަރު ޞަބާހް މުހައްމަދު މިހިނދަށް ދައުވާ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ދައުވާ ފޯމު ބާތިލް ކުރުމަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަޑައަޅާ ކަމަށާއި، އެހެން ނަމަވެސް ދައުވާ އިސްލާހުކޮށްގެން އަލުން ހުށަހަޅައިފި ނަަމަ ބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ޝަރޫއިން އެ މައްސަލާގައި އެމްސީބީއާ ދެކޮޅަށް ދައުވާ ކުރީ ޝަރޫއާއި އެމްސީބީއާ އެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އެވެ.
ޝަރޫ ލޯންޗްގެ ވެރިޔާ މުހައްމަދު މުސްތާގް މީގެ ކުރިން 'ސަން' އަށް ވިދާޅުވެފައި ވަނީ، އެމްސީބީން އެ ކުންފުންޏަށް ދީފައިވާ ޔަގީންކަމާއި އެއްބަސްވުމާ އެއްގޮތަށް ބޭންކުން ޑޮލަރު ދޫކުރަން އެއްބަސްވި ކަމަށެވެ.
ނަމަވެސް ފެނަކަ އަދި ސްޓެލްކޯއަށް ވެސް އެމްސީބީން ޑޮލަރު ނެގުމަށް ދިން ޗެކަށް ބޭންކުން އެއްބަސްވި ގޮތަށް ޑޮލަރު ދޫކޮށްފައިވާ ނުވާ ކަމަށް މުސްތާގު ވިދާޅުވި އެވެ.
ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސް އަށް ސްޓެލްކޯއިންނާއި ފެނަކައިން ދިން ރުފިޔާ އަނބުރާ ދެއްކުމަށް މި އަހަރުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެގޮތުން ސްޓެލްކޯއަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޝަރޫގެ މައްޗަށް ވަނީ އަންގައިފަ އެވެ. އަދި ފެނަކައަށް 17 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރި އެވެ.