03 Oct 2017, 10:00
ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހީމް އާޒިމް މިއަދު ވިދާޅުވީ، އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 09:09ގައި ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ރިސޯޓުގެ ހައުސްކީޕިން މެނޭޖަރު ހުސެއިން ނިޔާޒް 'ސަން' އަށް ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި އަލިފާން ރޯވި އިރު، އެ ރޫމުގައި ގެސްޓުން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެސްޓުން ޗެކްއައުޓު ވިތާ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ފަހުން އަލިފާން ރޯވިތަން ފެނުނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަލިފާން ނިއްވާލާފައި ވަނީ އަލިފާނުގެ ހާދިސާތަކަށް ތަމްރީންކޮށްފައި ތިބި ރިސޯޓުގެ މުވައްޒަފުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
އެ ހާދިސާގައި ރޯވެފައި ވަނީ އެ ރިސޯޓުގެ 718 ނަމްބަރު ރޫމުގަ އެވެ. އެ ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އަލިފާނުގެ އަސަރު ޖެހިގެން ހުރި ރޫމަށް ވެސް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.