03 Oct 2017, 09:43
ކާމިޔާބު ފިލްމް "ކުޗް ކުޗް ހޯތާ ހޭ" އަށް ފަހު ރާނީ މުރަކުޖީ އަދި ކާޖޮލް ވާހަކަ ނުދައްކާތާ ދެ މީހުންނަށް ބަލާ ނުލާތާވެސް ލައްކަ ދުވަސްވެއްޖެއެވެ.
ދެބެއިންގެ ދެދަރިންކަމުގައި ވީނަމަވެސް ހަފްލާއަކަށް ދެ ތަރިން އެއްކޮށް ގޮސްއުޅުމުގެ ތެރޭގައިވެސް ދެމީހުން އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކާކަމަށް ވެއެވެ. އެކަކު އަނެކަކާ ދިމާނުވެ ވޭތޯ އެ ދެ ބަތަލާއިން ވަރަށް މަސައްކަތްވެސް ކުރެއެވެ. ދެ ތަަރިންގެ މެދުގައި އަޑިނޭނގޭ ކަހަލަ ދެކޮޅުވެރިކަމެއް އަބަދުވެސް އޮވެއެވެ.
ނަމަވެސް މި ދެ ތަރިންގެ ރުޅިވެރިކަން މިހާރު ވަނީ މާޒީ ވެފައެވެ. ޝާހްރުކް ހާންގެ ސަބަބުން އެ ދެތަރިން ވަނީ އެކުވެރި ވެފައެވެ. ޝާހްރުކް ވަނީ ރާނީ އާއި ކާޖޮލްއާ އެކު ނަގާފައިވާ ފޮޓޯއެއް ހޯމަ ދުވަހު ޓުވީޓްކޮށްފައެވެ. ޝާހްރުކް ބުނީ ތިން ތަރިން އެއްކޮށް ފޮޓޯއެއް ނުނަގާތާ ލައްކަ ޒަމާން ވެއްޖެ ކަމަށެވެ. އޭނާ ކުރި ޓުވީޓްގައި ބުނެފައިވަނީ ރޭގަނޑު އުޑުމަތީގައި ވިދާ ތަރިތަކަށް ވުރެ އެ މީހަކާ އެކު ތިބޭ ތަރިންގެ ވިދުން މާ ގަދަވާ ކަމަށެވެ. ދެ ތަރިންނަށް ޝާހްރުކް ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.