ގާނޫނާ ގަވާއިދުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް ނަސޭހަތްތެރިވެއްޖެއެވެ.

ބްރޯޑްކޮމުން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ މަޖިލީހުން ދޫކޮށްފައިވާ ރަސްމީ ލައިވް ފީޑްގެ ބަދަލުގައި ވަކި ވަކި މެންބަރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކުރާ ވީޑިއޯތައް ދައްކަމުންދާ ކަމަށާއި އެ ފަދަ ވީޑިއޯ ތަކުގައި ގާނޫނާ ގަވާއިދާ ހިލާފް ކޮންޓެންޓްތައް ފެންނަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިފަދަ ކޮންޓެންޓްގެ ތެރޭގައި ހަޑިހުތުރު ބަސް ބޭނުންކުރުމާއި މުޖުތަމައުގެ އަދަބު އަޚްލާގުގެ މިންގަޑުތަކާ ޚިލާފު ކޮންޓެންޓް ހިމެނޭކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި މީގެ ތެރޭގައި މަޖިލީހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަގޮތަށް ބްރޯޑްކާސްޓްކުރުން ވެސް ހިމެނެއެވެ،" ބްރޯޑްކޮމް އިން ނެރުނު ސާކިއުލާގައި ވެއެވެ.

އެފަދަ ކޮންޓެންޓްތަކަކީ މަޖިލީހިގެ ޖަލްސާތަކާ ކޮމެޓީތައް ބްރޯޑްކާސްޓްކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާ ހިލާފު ކަމެއް ކަން ފާހަގަކޮށް ބްރޯޑް ކޮމްގެ ސާކިއުލާގައި ވަނީ އެފަދަ ކަންކަން ހިމެނޭ ގޮތުން ފަތުރާ ކޮންޓެންޓް ލައިވްކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ބްރޯޑްކާސްޓްރުންނަށް ގޮވާލާ ކަމަށެވެ.

އަދި އެފަދަ މަންޒަރުތަކާ އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފިޔަވަޅުއަޅާނޭކަމުގެ އިންޒާރު ވެސް ބްރޯޑްކޮމް އިން ވަނީ ދީފައެވެ.

ބްރޯޑްކޮމް އެފަދަ ސާކިއުލާއެއް ނެރެފައި މިވަނީ މަޖިލީހުގެ މިއަހަރު ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ިސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު މެންބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ގުޅިގެން މިދިޔަ ދައުރުގެ ގިނަ ޖަލްސާތަކެއް ލައިވް ފީޑް މަޖިލީހުން ދޫކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި މަޖިލީހުގެ ޖަލްސާތަށް ކަވަރުކުރުމަށް ނޫސްވެރިންނަށް ވެސް ވަނީ ވަދެވޭ ގޮތް ނުވެފައެވެ. އެހެން ކަމުން މަޖިލީހުގައި ހިނގާ ކަންކަން އާންމުންނާ ހަމައަށް ގެނެސްދިނުމުގައި މީޑއާތަކުން ބައެއް މެންބަރުންެ ސޯޝަލް މީޑިއާގައި ލައިވް ކުރާ ވީޑިއޯ ވަނީ ބޭނުންކޮށްފައެވެ.