02 Oct 2017, 21:04
ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މާފުށި ޕްރިޒަނުން ހޯދައިފިއެވެ.
މާފުށިން ފައިނަލްގެ ޖާގައެއް ހޯދީ މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ މެޗުގައި 2-1 ލަނޑުގެ ނަތީޖާއަކުން ޓީމް އެޗްކިޔު ބަލިކޮށްގެންނެވެ. މާފުށީ ޓީމަކީ އެ މުބާރާތުގެ ފުރަތަމަ ބުރުގެ އެއްވަނަ ހޯދައި، ލީގު ޗެމްޕިއަންކަން ހޯދި ޓީމެވެ. އެ މުބާރާތް ކުރިއަށްދަނީ ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި މާފުށި އަދި ޓީމް އެޗްކިޔުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި މާފުށީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލެވެ. ޓީމް އެޗްކިޔުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަމްދޫން ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިން ޖައިލަމްއެވެ.

ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މާފުށި ޕްރިޒަންއާއި ޓީމް އެޗްކިޔު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ މާފުށި ޕްރިޒަން --- ފޮޓޯ/ ޕީއާރްސީ
އެ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ މާދަމާ ހަވީރު ކުޅޭ މެޗަށްފަހުއެވެ. ދެވަނަ ބުރުގެ އެ މެޗުގައި ބައްދަލުކުރާނީ އީއެސްޖީއާއި ޓީމް އައްސޭރިއެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅެ، ދެވަނަ ބުރުގެ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ދެވަނަ ބުރުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މާފުށި އޮތީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް އީއެސްޖީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އައްސޭރިއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި އޮތް ޓީމް އެޗްކިޔުއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މައުލޫމާތު ދޭގޮތުގައި، އެ މުބާރާތަކީ އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކޮށް، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި މުވައްޒަފުން ޝައުގުވެރި ކުރުވުމާއި، އެމްސީއެސްގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އޮފިސަރުންނާއި މުވައްޒަފުންނަށް އެ ރޮނގުން ފުރުސަތު ތަނަވަސްކޮށްދީ، ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ.