02 Oct 2017, 20:30
ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނިކޮށް، ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަކީ ފްލައިޓުގައި ދަތުރު ކުރުމަށް އަންފިޓް މީހެއް ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، މިއަދު ވެސް ދަތުރު ނުކުރެވޭނެ ކަމަށް އެއާލައިނުން އަންގާފައިވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިންގަޕޫރުން އެނބުރި ރާއްޖެއަށް ވަޑައިގަތުމުގެ ހުއްދަ އެއާލައިނުން ދީފައިނުވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް މިއަދު އެކަން އަންގާފައިވާނެ ކަމަށެވެ.
ގާސިމްގެ ބޭސްފަރުވާ ފުރިހަމަނުވާ ކަމަށް ބުނެ، ސިންގަޕޫރުގައި ހުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިފައިވަނިކޮށް، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އެ ސާވިސްއިން ގާސިމްގެ އާއިލާއަށް އަންގާފައިވާ ކަމަށް ގަނޫނޫ ވަކީލުންގެ ބަޔާނުގައިވެ އެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމަށް ސިންގަޕޫރުގައި ފަރުވާ ދެއްވާ ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓްގައިވާ މުއްދަތަށް ފަރުވާ ލިބިގަތުމަށްޓަކާ ސިންގަޕޫރުގައި ހުރުމަށް ހުއްދަ ދެއްވުމަށާއި އެކަމަށް ބޭނުންވާ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން، މިއަދުގެ ހަވީރު 4:55ގައި އެ ސާވިސްއިން އެމަނިކުފާނުގެ އާއިލާއަށް އަންގާފައި ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށެވެ،" ގާސިމްގެ ގާނޫނީ ވަކީލުންގެ ބަޔާނުގައިވެ އެވެ.
ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭ ގާސިމް ރާއްޖެ ގެންނަންޖެހޭ ކަމަށް ފާހަގަކޮށް، ކަރެކްޝަނަލް ސާވިސް އިން ގާސިމްގެ އާއިލާއަށް އަންގާފައި ވަނީ އެމަނިކުފާނު މިއަދު މާލެ ގެނެސް، އެ ސާވިސްއާ ހަވާލު ކުރުމަށެވެ.
ހިތްޕުޅު އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. ބޭސްފަރުވާ ފުރިހަމަ ކުރުމަށްޓަކާ ކަރެކްޝަނަލް ސާވިސްއިން ގާސިމަށް ދެ ފަހަރެއްގެ މަތިން 20 ދުވަސް ދީފައިވެ އެވެ.
ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވާފައިވަނިކޮށް، އެނބުރި ރާއްޖެ ވަޑައިގަތުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އެއާޕޯޓަށް ވަޑައިގަތުމުން، ސިއްހީ ހާލަތު ހުރި ގޮތުން ގާސިމްގެ ފުލައިޓަށް ނޭރުވި އެވެ. އެ ސަބަބާ ހުރެ ކަރެކްޝަނަލް ސާވިސްއިން ވަނީ އިތުރު ފަސް ދުވަހުގެ މުއްދަތު ދީފަ އެވެ.
ގާސިމް އެނބުރި ރާއްޖެ ވަޑައި ނުގެންފާނެ ކަމަށް ބަލައި، އެމަނިކުފާނު ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީތެރިކަމަށް އެދެންޖެހޭނަމަ އެކަން ކުރާނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފަ އެވެ.