ގދ. ތިނަދޫގެ ޓާގެޓަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދުން ކަމަށާއި އެއީ އެހާ އުނދަގޫ ޓާގެޓެއް ނޫން ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ތިނަދޫގެ ކޯޗުކަމާ ހަވާލުވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތުދެމުން ސުޒޭން ބުނީ، ކުޑަ ހިތްވަރެއް ލައިގެން އެ ޓާގެޓަށް ފަސޭހައިން ވާސިލް ވެވިދާނެ ކަމަށާއި ތިނަދޫއަކީ މާލެ ނަގާފައި ފުޓްބޯޅައިގައި އެންމެ ނުފޫޒްގަދަ ރަށް ކަމަށެވެ.

"ތިނަދޫ މެނޭޖްމަންޓްގެ އެންމެ ބޮޑު ޓާގެޓަކީ ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުން. އެ ޓާގެޓަކީ އަސްލު ފުޓްބޯޅައިގެ ޓާމްސްއަށް ބަލާއިރު އެހާ އުނދަގޫ ޓާގެޓެއް ކަމަކަށް ނުބުނެވޭނެ. ތިނަދޫ ޓީމުން ކުޑަކުޑަ ހިތްވަރެއް، ކުޑަކުޑަ މޯރަލްއެއް، ބޫސްޓެއް ބޭނުންވަނީ. އެހެންވީމާ އެއަށް ބަލާއިރު ދެވިދާނެ ހިސާބެއްގައި އޮތް ޓާގެޓެއް އެއީ. ކޮންމެ ގޮތެއްވިޔަސް ތިނަދޫއަކީ ރާއްޖޭގެ ފުޓްބޯޅައިގައި މާލެ ފިޔަވާ އެންމެ ނުފޫޒުގަދަ ރަށް ކަމަށް ގަބޫލުކުރަން ޖެހޭނެ. އެއީ މާލޭގައި މީގެ ކުރިން ކުޅުނު ޒޯން މުބާރާތަށް ބަލައިލިޔަސް، އެ ހުރިހާ މުބާރާތެއްގެ ތަށި ވެސް ތިނަދުއާ އެއްވަރަށް އެހެން ބަޔަކަށް ހޯދިފައެއް ނެތް،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ، ތިނަދޫގެ ކޯޗުކަމާ ހަވާލުވުމަކީ ރަނގަޅު ޗެލެންޖެއް ކަމަށް ދެކޭ ކަމަށާއި ކޮންމެ ބައެއްގެ ތެރޭގައި ވެސް ގޯސް ކަންތައްތަކަކާއި ރަނގަޅު ކަންތައްތަކަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި ތިނަދޫގައި ބައިވަރު ރަނގަޅު ކަންތައްތަކެއް ހުރި ކަމަށެވެ.

"ތިނަދޫގެ މެނޭޖްމަންޓުން އަޅުގަނޑަށް މި ދެއްވީ ވަރަށް ރަނގަޅު ފުރުސަތެކޭ ދަންނަވާނީ. ލީގުގެ ފަހު ބުރަށް ދާއިރު ތިނަދޫ ވެސް ވަރަށް ރަނގަޅު ހިސާބެއްގައި އޮތްއިރު އަޅުގަނޑަށް މި ފުރުސަތު ލިބިގެންދިއުން މިއީ ހަމަގައިމު ވެސް ރަނގަޅު ޗެލެންޖެއް. ކޮންމެ ބައެއްގެ ތެރޭގައި ވެސް ހުންނާނެ ގޯސް ކަންތައްތަކާއި ރަނގަޅު ކަންތައްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް. މުބާރާތްތަކަށް ނުކުންނަން ބަލާއިރު ތިނަދޫގައި އެބަހުރި ބައިވަރު ރަނގަޅު ކަންތައްތަކެއް. މިއީ މީގައި ހުރި ޕޮޒިޓިވް ކަމެއް،" އޭނާ ބުންޏެވެ.

ތިނަދޫގެ ކޯޗަކަށް ހަމަޖެއްސި ސުޒޭނަކީ ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން ކޯޗެކެވެ. އެގޮތުން ސުޒޭންގެ ކޯޗިން ކެރިޔަރުގައި މާޒިޔާގައި ހޭދަކުރި ކާމިޔާބީ ދުވަސްތައް ފާހަގަކޮށްލެވެއެވެ. މާޒިޔާގެ ކޯޗުކަމުގެ މަގާމު 2013 ވަނަ އަހަރުން ފެށިގެން 2016ގެ ނިޔަލަށް އަދާކުރި ސުޒޭން ވަނީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގު 2016އާއި ޕްރެޒިޑެންޓްސް ކަޕް 2015އާއި ޗެރިޓީ ޝީލްޑް 2015 އަދި އެފްއޭ ކަޕް 2014 ހޯދައިދީފައެވެ.

ތިނަދޫން ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ފުރަތަމަ ބުރުގައި އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗު ނިންމާލީ އެއްވަރުވެގެންނެވެ.