02 Oct 2017, 18:08
އެމެރިކާގެ ލަސް ވެގްސްގައި ބަޑީގެ ހަމަލާތަކެއްގައި 50 އަށް ވުރެން ގިނަ މީހުން މަރަލާއި އެތައް ސަތޭކަ މީހުން ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިއަދު ހިނގި އެ ހާދިސާއާ ގުޅިގެން ރައީސް ޔާމީން ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ އެ ޚަބަރު އެއްސެވީ ކުއްލި ހައިރާން ކަމާ އެކު ފުން ހިތާމާގައި ކަމަށާއި އެ ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ޓެރެރިސްޓް އެ ހަމަލާއާ ގުޅުގެން އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.
މަންޑަލަ ބޭ ހޮޓަލުގައި މިއުޒިކް ފެސްޓިވަލެއް ކުރިއަށް ދަނިކޮށް ބަޑިން ހަމަލާ ދޭން ފަށާފައި ވަނީ އެ ހޮޓަލުގެ 32 ވަނަ ފަންގިފިލާގައެވެ. ބަޑި ޖަހަން ފެށުމާ އެކު އެތައް ބަޔަކު ވަނީ ކޮންސެޓް ދޫކޮށް ފިލަން ދުވެފަ އެވެ. ފުލުހުން ބުނީ ހަމަލާ ދިން މީހާ މިހާރު ވަނީ މަރާލާފައިވާ ކަމަށެވެ.
ބަޑީގެ ހަމަލާގެ ރިޕޯޓާ އެކު ލަސް ވެގަސް އަށް ދަތުރުކުރި ބައެއް ފްލައިޓްތައް ވަނީ ޑައިވާޓްކޮށްފަ އެވެ.