ނޭމާ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުން ވެގެންދިޔައީ ކުއްލި ހައިރާންކަމެއް ގެނުވި ކަމެއް ކަމަށް ނޭމާގެ ބައްޕަ، ނޭމާ ސަންތޮސް ސީނިއާ ބުނެފިއެވެ.

ފްރާންސްގެ ޓެލެފޫޓް އަށް ދިން އިންޓަވިއުއެއްގައި ނޭމާ ސީނިއާ ބުނީ މީގެ ކުރިން ވެސް ޕީއެސްޖީ އިން ނޭމާ ގަތުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެފަހަރު އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.

"ނޭމާ ޕީއެސްޖީ އަން ދިއުން ވީ ހައިރާކަން ގެނުވި ކަމަކަށް. މިދިޔަ އަހަރު ވެސް ޕީއެސްޖީ އިން ނޭމާ ގަތުމަށް މަސައްކަތް ކުރި. ނަމަވެސް އެއްބަސްވުމަކަށް ނާދެވުން. މިފަހަރު ޕީއެސްޖީން ހުށަހެޅި ކަންކަމަށް ނޭމާ ޝައުގުވެރިވި. ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ޕީއެސްޖީން ބޭނުންވެފައި ހުރި މިންވަރު ފެނި ނޭމާ ޝައުގުވެރި ވީ،" ނޭމާގެ ބައްޕަ ބުންޏެވެ.

ނޭމާގެ ބައްޕަ ބުނީ ނޭމާ ބާސާ ދޫކޮށް ދިއުން ހުއްޓުވުމަށް ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އާއި އިވާން ރަކިޓިޗްގެ އިތުރުން ޖެރާޑް ޕީކޭ ވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ނޭމާ ޕީއެސްޖީއަށް އަންނަ ބޭނުން ވެފައި ހުރި މިންވަރު ފެނިފައި އޭނާ ވެސް ނޭމާ އަށް ތާއީދު ކުރީ ކަމަށެވެ.

"ހަގީގަތަކީ އަހަރެން ވެސް އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް ހުރީ ޝައްކެއްގެ މަތީގައި. އަހަރެން ނޭމާ ކައިރީ ބުނިން ހަމަޖެފައި ރަނގަޅަށް ވިސްނަން. އަދި ބާސާ އަކީ އެންމެ ރަނގަޅު ކުލަބޭ. ނަމަވެސް އޭނާ ބޭނުންވީ އާ ޗެލެންޗެއް،" ނޭމާ ސީނިއާ ބުންޏެވެ.

ޕީއެސްޖީގައި ނޭމާ އާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޑިންސަން ކަވާނީ އަދި ކިލިއަން އެމްބާޕޭ އާއެކު ނޭމާ ކުޅެނީ މެސީ އަދި ސުއަރޭޒް އެކީ ކުޅުނު ފަދަ ކުޅުމެއް ކަމަށް ނޭމާގެ ބައްޕަ ބުންޏެވެ.

އަދި ކަވަނީ އާއި ނޭމާ އާ ދޭތެރޭ ޖެހިގެން އުޅޭ ކަމަށް ބުނާ ޕެނަލްޓީ މައްސަލައާ ގުޅޭ ގޮތުން ނޭމާ ސީނިއާ ބުނީ ދެ ކުޅުންތެރިންނަކީ ވެސް މޮޅު ދެ ކުޅުންތެރިން ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުގައި ދެ ކުޅުންތެރިންގެ ދޭތެރޭ އެއްވެސް މައްސަލަ އެއް ނުޖެހޭކަން ސާބިތުވެގެން ދިޔަ ކަމަށެވެ.