ނަތީޖާ ނެރުމަށް އުނދަގޫތަކަކާ ކުރިމަތިލަމުންދާ އޭސީ މިލާންގެ ކޯޗު ވިސެންޒޯ މޮންޓެލާގެ ދިފާއުގައި އެ ކްލަބުގެ ޑިރެކްޓަރު މަސިމިލިއާނޯ މިރަބެލީ ވާހަކަ ދައްކައިފި އެވެ.

އިޓާލިއަން ސެރީއާގައި އިއްޔެ ކުޅުނު މެޗުން ވެސް މިލާން ވަނީ ބަލިވެފަ އެވެ. ރޯމާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން މިލާން ބަލިވެފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ސެރީއާގައި މިލާން ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާ އިރު، އެ ކްލަބުގެ ކޯޗު މޮންޓެލާއަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ. މިލާންގެ ނަތީޖާތަކާ ގުޅިގެން މިލާންގެ ކޯޗުކަމުން މޮންޓެލާ ދުރުކޮށް، އެ މަގާމަށް އެ ކްލަބުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ގެންނަން އުޅޭ ކަމަށް ވެސް ހަބަރުތައް ފެތުރެމުންދެ އެވެ.

މިލާންގެ ކޯޗަކަށް ގެންނަން އުޅޭ ކަމަށް ހަބަރުތައް ބުނާ އެންޗެލޮޓީއަކީ އެ ކްލަބަށް ސެރީއާ، ޗެމްޕިއަންސް ލީގު، ކޮޕާ އިޓާލިއާ، ސުޕާކޮޕާ އިޓާލިއާނާ، ޔޫއެފާ ސުޕާ ކަޕް އަދި ކްލަބު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދިން ކޯޗެކެވެ. އެންޗެލޮޓީއަކީ މިދިޔަ ބުރާސްފަތި ދުވަހު ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ދުރުކުރި ކޯޗެކެވެ.

"އަހަރެމެންގެ މިއޮތީ މުޅިން އާ ޓީމެއް. އެހެންވީމާ އެއްވެސް ކޯޗަކަށް ޖާދުލުން ކަންތައްތަކެއް ނުކުރެވޭނެ. ކުއްލިއަކަށް ނަތީޖާއެއް ނުނެރެވޭނެ. އަހަރެމެންގެ ތެރޭގައި އުޅޭ ކުޅުންތެރިން ޓީމަކަށް ވާން ޖެހޭ، މޮންޓެލާ އެބަ އެ މަސައްކަތް ކުރޭ. އަހަރެމެން ޖެހޭނީ އެކަން ވާނެ ކަމަށް އުންމީދުކޮށް، މުހިންމު ނަތީޖާތަކެއް ނެރުން،"ސްކައި ސްޕޯޓް އިޓާލިއާއަށް ދިން އިންޓަވިއުއެއްގައި މިލާންގެ ޑިރެކްޓަރު މިރަބެލީ ވިދާޅުވި އެވެ.

މިރަބެލީ ވިދާޅުވީ، ތާވަލުގައި އޮތް މަގާމަށް މިލާނުން ބަލަން ނުޖެހޭ ކަމަށާއި ރޯމާގައި ތިބީ އެކުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިން ކަމަށެވެ. އަދި ރޯމާއާ ދެކޮޅަށް ކުޅެން މިލާނަށް އުނދަގޫ ވާނެ ކަމަށް ވެސް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.