އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރަން ނިންމި ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ނަގާ ފިއުލް ސާޖު ބޮޑު ނުކުރާނެ ކަމަށް އެ ކުންފުނިން ވެސް ބުނެފި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަން އަދި ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ މައި ކުންފުނި، ސްޓެލްކޯ އަށް ވެސް ޑީސަލް ސަޕްލައި ކުރަނީ އެސްޓީއޯ އިންނެވެ.

އަދި އެސްޓީއޯ އިން ވަނީ މިއަދުން ފެށިގެން، ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި ބޮޑުކުރަން ނިންމައިފަ އެވެ. މިއީ އެސްޓީއޯގެ ފަރާތުން ޑީސަލާއި ޕެޓްރޯލްގެ އަގު މަސް ދުވަހުގެ ތެރޭގައި ބޮޑުކުރި ދެވަނަ ފަހަރެވެ.

އެބަދަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ސަން އަށް ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ފިއުލް ސާޗާޖު ބޮޑު ނުކުރަން ނިންމީ ސަރުކާރުގެ ލުއި ފަސޭހަ ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

"ތެލުގެ އަގު ބޮޑުވެގެން ގޮސް ފިއުލް ސާޗާޖު ބޮޑުކޮށް، ނުނަގާނެ ވާހަކައެއް ނޫން. މިއީ މިވަގުތަށް ނިންމި ނިންމުމެއް،" ރާއްޖޭގެ 152 ރަށަކަށް ކަރަންޓް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ޝަރީފު ވިދާޅުވި އެވެ.

އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ ގޮތުން، ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް އަށް ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގޭނެ އެވެ.

ނަމަވެސް ޖޫން މަހު ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ސަރުކާރުން ކުޑަކުރުމުން ސްޓެލްކޯ އަދި ފެނަކައިންދޭ ކަރަންޓުގެ ޚިދުމަތުން ނަގާ ފިއުލް ސާޗާޖު ވަނީ ޖުލައި މަހުގެ ތެރޭގައި ކަނޑާލައިފަ އެވެ.

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް މިއަދު ގެނައި ބަދަލާ އެކު މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލިޓަރެއް ވިއްކާނީ 9.17 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.52 ރުފިޔާ އަށެވެ.