ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެ އިން ކުރާ މަސައްކަތް ބޭރު ދުނިޔެއަށް އެނގެން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

މިއަދު ގައުމީ ޔުނިވަސިޓީ އިން ބޭއްވި ބައިނަލް އަގްވާމީ ރިސާޗު ކޮންފަރެންސް 'ތެވެލި' ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާސިމް ވިދާޅުވީ ތަރައްގީގެ މަގުގައި ރާއްޖެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކަކީ ރިސާޗު މުހިންމު މަސައްކަތްތަކެއް ކަމަށް އާސިމް ފާހަގަކުރެއްވި އެވެ.

"އެފަދަ ހޯދުންތަކަކީ ދުނިޔެއަށް މުހިންމު ފިލާވަޅުތަކަކަށް ވެގެން ދާނެ.،" މިނިސްޓަރު އާސިމް ވިދާޅުވި އެވެ.

ދެމެހެއްޓެވިނި ތަރައްގީއަށް ރާއްޖެ އިން ކުރާ މަސައްކަތްތައް ފެންނަން ނެތީ އެކަމާ ބެހޭ ދިރާސާތަކެއް ނުހެދި ހުރުމުން ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެއީ މުހިންމު ދިރާސާތަކަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިލްމީ ހަބުތަކެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރު އާސިމް ވަނީ ވިދާޅުވި އެވެ.