ޕާކިސްތާންގެ ތާލިބާނުން ދެމުންދާ ހަމަލާތައް ގިނަކަމާއި ނުރައްކާތެރިކަމުން އެމީހުން ބައިނަލް އަގުވާމީ ޓެރަރިސްޓުންގެ ލިސްޓަށް ލުމަށް އދ. ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

ޕާކިސްތާންގެ ތާލިބާނުންގެ އިތުރުން ޗެޗްނިއާގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އެމާރަތު ކައުކާޒްވެސް އެލިސްޓަށް ލުމަށާއި އަފްޣާނިސްތާންގެ ތާލިބާނުންނަށް މިހާރު އދ. ކުރިމަތިކޮށްފައިވާ ފިއްތުންތައް ލުއިކުރުމަށް ވެސް ސަލާމަތީ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. އދ. ބުނާ ގޮތުގައި އަފްޣާނިސްތާންގެ ތާލިބާނުންނަށް ލުއެއް ދިނީ އެގައުމުގައި މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްރޫއުގައި ބައިވެރިވުމަށް އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ޕާކިސްތާންގެ ތާލިބާނުންގެ ޖަމާއަތް، ޖަމާއަތު ތަހުރީކޭ ތާލިބާން ބައިނަލް އަގުވާމީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އިތުރުކުރީ ފަހަކަށް އައިސް އެޖަމާއަތުން ދީފައިވާ ނުރައްކާތެރި ހަމަލާތައް އިތުރުކޮށްފައިވާތީ ކަމަށް އދ، ބުނެއެވެ. އެގޮތުން އެޖަމާއަތުން ދިން ހަމަލާތަކުގައި ޕާކިސްތާންގެ އެތައް ސަތޭކަ ބަޔަކު މަރެފައިވެ އެވެ. އަދި މިދިޔަ އަހަރު އެމެރިކާގެ ނިއުޔޯކްގެ ޓައިމްސް ސްކޮޔާއަށް ދޭން އުޅުނު ބޮމުގެ ހަމަލާގެ ޒިންމާވެސް އުފުލާފައި ވަނީ އެޖަމާއަތުންނެވެ.

ޕާކިސްތާން ތާލިބާނުންނަކީ އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ދިރިއުޅޭ ޕާކިސްތާންގެ ގާނޫނުތަކަށް ތަބާ ނުވާ ގަބީލާތަކުގެ ތެރެއިން 2007 ވަނަ އަހަރު އުފަންވި ޖަމާއަތެކެވެ. ޕާކިސްތާންގެ ސިޔާސީ އިސްފަރާތްތައް އަވަހާރަކޮށްލާނެ ކަމަށާއި އެގައުމުގެ ސަރުކާރު ވައްޓާލާނެ ކަމަށް އެމީހުން ވަނީ ދަނީ ބުނަމުންނެވެ.

އަލްގައިދާއާއި ގުޅުން އޮންނާތީ، ޕާކިސްތާން ތާލިބާނުންގެ ލީޑަރު ހާކިމުﷲ މަހުސޫދު މީގެ ކުރިންވެސް އޮތީ އދ.ގެ ބައިނަލް އަގުވާމީ ޓެރަރިސްޓުންގެ ލިސްޓްގައި ހިމަނާފައެވެ. -- ޔޫއެން ވެބްސައިޓް