ގދ. ތިނަދޫގެ ކޯޗުކަމުގެ މަގާމަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ހުސްވެފައިވާ ތިނަދޫ ޓީމުގެ ކޯޗުކަމުގެ މަގާމަށް ސުޒޭން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ތިނަދޫގެ އިސް އޮފިޝަލަކު މައުލޫމާތުދޭ ގޮތުގައި، އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ސުޒޭން މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ނިމެންދެން މަޑުކުރާނެ އެވެ.

ސުޒޭނަކީ ތިނަދޫގެ ކޯޗުކަމާ މި އަހަރު ތެރޭގައި ހަވާލުވި ތިން ވަނަ ކޯޗެވެ. މީގެ ކުރިން ތިނަދޫގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައި ވަނީ ސްޕެއިންގެ ދެ ކޯޗުންނެވެ. މިނިވަން ޗެމްޕިއަންޝިޕްގައި ތިނަދޫގެ ކޯޗު ކަމުގެ މަގާމު އަލްވަރޭޒް ސަންޗޭޒް އަދާކުރި އިރު، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމެންދެން އެ ޓީމުގެ ކޯޗުކަމުގެ މަގާމު އަދާކުރަމުން ދިޔައީ މާޓިނޭޒް ސައޭޒް ހުއާން މެނުއަލް އެވެ.

ތިނަދޫގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމަށް ޓަކައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި އަހަރުގެ ޕްރިމިއާ ލީގު ނިމެންދެން ތިނަދޫގެ ކޯޗުކަމުގެ މަގާމު އަދާކުރާނީ ސުޒޭން ---

މިނިވަން ޗެމްޕިއަންޝިޕްގައި ތިނަދޫގެ ކޯޗުކަމުގެ މަގާމު އަދާކުރަމުން ދިޔަ އަލްވަރޭޒް ސަންޗޭޒްގެ އެއްބަސްވުން ތިނަދޫން އުވާލީ އާއިލާއަށް ވަގުތު ދިނުމަށް އޭނާ އެނބުރި ގައުމަށް ދާން ޖެހުމުންނެވެ. އެއްބަސްވުން އުވާލުމުގެ ކުރިން ތިނަދޫން އޭނާ ގެނައުމަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ.

ތިނަދޫން ދެވަނައަށް ގެނައި ކޯޗު މާޓިނޭޒްގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން 2-1 ލަނޑުގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު މެނޭޖްމަންޓާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުން ކަމަށް ބުނެ އެވެ.

ތިނަދޫގެ ކޯޗަކަށް ހަމަޖެއްސި ސުޒޭނަކީ ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން ކޯޗެކެވެ. އެގޮތުން ސުޒޭންގެ ކޯޗިން ކެރިޔަރުގައި އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކުރީ މާޒިޔާގަ އެވެ. މާޒިޔާގެ ކޯޗުކަމުގެ މަގާމު 2013 ވަނަ އަހަރުން ފެށިގެން 2016ގެ ނިޔަލަށް އަދާކުރި ސުޒޭން ވަނީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގު 2016އާއި ޕްރެޒިޑެންޓްސް ކަޕް 2015އާއި ޗެރިޓީ ޝީލްޑް 2015 އަދި އެފްއޭ ކަޕް 2014 ހޯދައިދީފަ އެވެ.