އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއި ޓޫރިސްޓުންގެ މެދުގައި މާކެޓް ސާވޭއެއް ހެދުމުގެ މަސައްކަތް ބައިނަލް އަގުވާމީ ކުންފުންޏަކާ ހަވާލުކޮށްގެން ޖީއެމްއާރުން ކުރިއަށް އެބަ ގެންދެ އެވެ.

އެ ސާވޭކުރަމުންދަނީ އެމެރިކާގެ އޭސީ ނީލްސަން ކުންފުނިން ކަމަށް ޖީއެމްއާރުން ބުނެ އެވެ.

އެ ސާވޭގެ ބޭނުމަކީ އެއާޕޯޓް ހިދުމަތްތައް ހޯދައި ޓޫރިސްޓުންނާއި ރިސޯޓްތަކާއި ސީ ޕްލޭން އޮޕަރޭޓަރުންނާއި އެއާލައިން އަދި ޓުއާ އޮޕަރޭޓަރުންގެ އިތުރުން އެއާޕޯޓުގެ މުވައްޒަފުންނާއި މާލޭގެ ރައްޔިތުންނާ އިންޓަވިއުކޮށް، އެ ފަރާތްތަކުން އެއާޕޯޓުން ހޯދަން ބޭނުންވާ ހިދުމަތްތައް ދެނަގަނެ، އަދި ކަންބޮޑުވުންތައް އޮޅުންފިލުވުން ކަމަށް ޖީއެމްއާރުން ބުނެ އެވެ. އެއީ އެއާޕޯޓް ފުރިހަމައަށް ތަރައްގީ ކުރެވޭނީ ހުރިހާ ކަމާ ބެހޭ ފަރާތެއްގެ ހިޔާލާއި ބައިވެރިވުން ލިބިގެން ކަމަށްވާތީ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އޭސީ ނީލްސަންގެ ސާވޭ މެދުވެރިކޮށް އެއާޕޯޓުގެ ހިދުމަތްތައް ތިން ގޮތަކަށް ފުޅާކުރުމަށް ޖީއެމްއާރުން ގަސްތުކުރެ އެވެ. އެގޮތުން ފުރުތަމަ ކަމަކީ ޓޫރިސްޓުންގެ ބޭނުންތައް އަޑުއަހައި، އެކަންކަން ރަނގަޅުކުރުން ކަމަށް ޖީއެމްއާރުން ބުނެ އެވެ. އަދި އެކުންފުނިން ބުނާ ގޮތުގައި ދެވަނަ ކަމަކީ އެއާޕޯޓު ބޭނުންކުރާ އެހެން ފަރާތްތަކަށް ފައިދާކުރާނެ ގޮތަށް ހިދުމަތްތައް ފުޅާކޮށް، އެއާޕޯޓުގެ މުވައްޒަފުންނަށް ލިބޭ ވެލްފެއާގެ ހިދުމަތްތައް ފުޅާކުރުމެވެ.

އަދި ތިން ވަނަ ކަމަކީ މާލޭގެ ރައްޔިތުންނަށް މިހާރު ލިބެން ނެތް އާ ހިދުމަތްތައް އެއާޕޯޓުގައި ތައާރަފްކުރުމެވެ.

ޖީއެމްއާރުން އެކުލަވާލާފައިވާ އިންޓާނަލް ޓީމަކާއެކު ނީލްސަން އިން މިހާރު ވަނީ ސާވޭގެ ފުރަތަމަ ބައި ނިންމާލައިފަ ކަމަށް ޖީއެމްއާރުން ބުނެ އެވެ. އެގޮތުން އެއާޕޯޓުގައި ހިދުމަތްތައް އެހެން ހުރިހާ ފަރާތްތަކުގެ މެދުގައި ސާވޭކޮށް ނިމުމަށްފަހު މިހާރު ކުރިއަށްދަނީ ރާއްޖެ އަންނަ ޓޫރިސްޓުން މެދުގައި ސާވޭކުރުން ކަމަށް އެކުންފުނިން ބުނެ އެވެ.

ތަފާތު ގައުމުތަކުގެ ޓޫރިސްޓުންގެ ބައިވެރިވުން ހޯދުމަށް ބޭރުގެ ތަފާތު ބަސްތަކުން ސާވޭކުރިއަށްދާކަން ވެސް ޖީއެމްއާރުން ފާހަގަކުރެ އެވެ.

ޖީއެމްއާރުން ބުނި ގޮތުގައި، އެ ސާވޭ ކުރުމަށް ނީލްސަން ހޮވާފައިވަނީ ހަތަރު މަހުގެ ދިގު ޕްރޮސެސްއެއްގެ ތެރެއިން، ބައިނަލްއަގުވާމީ ގިނަ ކުންފުނިތަކަކުން ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު އެވެ. ނީލްސަން އިން ސާވޭ ކުރިއަށްގެންދަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތިންކް މޯލްޑިވްސްއާ ގުޅިގެން ކަން ވެސް ޖީއެމްއާރުން ފާހަގަކުރެ އެވެ.