ވޮޝިންޓަން (އޮކްޓޯބަރު 2): އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެ ގައުމާ މަޝްވަރާ ކުރަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްް އެފަދައިން ވިދާޅުވީ އެމެރިކާ އިން އުތުރު ކޮރެއާއާ ސީދާ ގޮތެއްގައި ވާހަކަ ދައްކަމުންދާ ކަމަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވި ފަހުންނެވެ.

އެމެރިކާ އިން ބޭނުން ވަނީ އުތުރު ކޮރެއާ އިން މިސައިލް އަދި ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރުން ހުއްޓާލުމަށެވެ. ނަމަވެސް އެފަދައިން އަމަލު ކުރަން އުތުރު ކޮރެއާ އިން ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދި، ދެ ގައުމުގެ ލީޑަރުން ވަނީ ބަހުގެ ހަމަލާތައް މީގެ ކުރިން ބަދަލުކޮށްފަ އެވެ.

އަދި އިއްޔެ ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް އަނެއްކާ ވެސް 'ކުޑަ ރޮކެޓް މޭން'ގެ ގޮތުގައި އިޝާރާތް ކުރައްވައި، ކިމްއާ މަޝްވަރާ ކުރުމަކީ ބޭކާރު ކަމެއް ކަމަށް ޓިލާސަން ގާތު ވިދާޅުވި ކަމަށް ޓުވީޓު ކުރައްވައިފަ އެވެ. އަދި "އެމެރިކާ އިން ދެން ކުރަން ޖެހޭ ކަމެއް ކުރާނެ" ކަމަށް ވިދާޅުވެފަ އެވެ.

އެޓުވީޓުގެ އިތުރު ތަފްސީލު ޓްރަމްޕް ނުދެއްވި ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލުން ވަނީ އޭގެ މާނައަކީ މިއީ މަޝްވަރާ ކުރަންވީ ދަނޑިވަޅެއް ނޫން ކަމަށް ޓްރަމްޕް ގަބޫލު ކުރައްވާ ކަން ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ އިން އުތުރު ކޮރެއާއާ މިހާރު ވާހަކަ ދައްކަމުން ދަނީ އެ ގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތުންނާ ބެހޭ ގޮތުން ކަމަށް ވައިޓް ހައުސް އިން ބުންޏެވެ. (ބީބީސީ)