02 Oct 2017, 10:32
ބާސެލޯނާ(އޮކްޓޯބަރު 2): ސްޕޭންގެ ކެތަލޯނިޔާގެ މިނިވަންކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާ، މިކަމާބެހޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ 90 އިންސައްތަ މީހުން މިނިވަންކަން އިޢުލާން ކުރުމަށް ތާއީދުކޮށްފައިވާ ކަމަށް އެސަރަހައްދުގެ ރައީސް ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެއެވެ.
ކެތަލޯނިޔާގައި ނެގި ވޯޓުގެ ނަތީޖާ އިޢުލާން ކުރުމަށް ބޭއްވި އެއްވުމެއްގައި ޕުޖްޑެމޮން ވިދާޅުވީ، ވޯޓަށް ހުރަސްއެޅުމަށް ސްޕެއިންގެ މައިސަރުކާރުން ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެފައިވާ ކަމަށާއި ކެތަލޯނިޔާގެ ރައްޔިތުންގެ ތެރެއިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ސާޅީސް ދޭއް ޕޮއިންޓް ތިނެއް މީހުން ވޯޓުލާފައިވާ ކަމުގައެވެ. ކެތަލޯނިޔާގެ މިނިވަންކަން ދެން ސްޕޭނަށް ނުހިފެހެއްޓޭނެ ކަމަށާއި މިނިވަން ގައުމެއްކަމުގެ އިޙްސާސް ކެތަލަން ރައްޔިތުން މިހާރުވެސް ކުރަމުން ގެންދާކަމަށް ޕުޖްޑެމޮން ވިދާޅުވިއެވެ.
ސްޕެއިންގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން ވޯޓުލުން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްކޮށް ހުއްޓުވިފައެއްނުވެއެވެ. ވޯޓުލުން ހުއްޓުވަން އުޅުމުން ސްޕޭންގެ ފުލުހުންނާއި ކެތަލޯނިޔާގެ އާންމުންނާ ދެމެދުވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ.
މިކުރިމަތިލުންތަކުގައި އަށްސަތޭކައަށްވުރެ ގިނަމީހުންނަށް އެކިވަރުގެ އަނިޔާތަކާއި ގެއްލުންތައްވަނީ ލިބިފައެވެ. ކެތަލޯނިޔާގެ ލޯކަލް ސަރުކާރުން ބުނީ ވޯޓުލުން ނުހުއްޓުވޭ ކަމަށާއި އިތުރު އިންތިޒާމްތަކެއްގެ ދަށުން ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންގޮސްފައިވާ ކަމުގައެވެ. ވޯޓަށް ހުރަސްއަޅައި ބާރުގެ ބޭނުންކުރީ ސްޕޭންގެ ގާނޫނު އަސާސީގައި ސަރުކާރަށް ލިބިދޭ އިޚްތިޔާރުތަކުގެ ދަށުންކަމަށް ސްޕޭންގެ ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ.
ސްޕޭންގެ ދާޚިލީ ވުޒާރާއިން ބުނީ ކެތަލޯނިޔާ އެގައުމުން ވަކިވެގަތުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ އެ ވޯޓަށް ހުރަސްއެޅުމުގެ ގޮތުން ވޯޓުފޮށިތަކާއި ވޯޓުކަރުދާސްކޮޅުތައް އަތުލާފައިވާނެ ކަމުގައެވެ. ވޯޓުގެ ކަންތައް ހުއްޓުވުމަށް ފުލުހުންނާއި ނެޝަނަލް ގާޑުން ހިންގާ އޮޕަރޭޝަންގައި އާންމުންނަށް ގޯނާ ނުކުރާނެ ކަމަށާ ބޭނުމަކީ ވޯޓުލުން ހުއްޓުވުން ކަމަށާއި ރައްޔިތުންނަށް ގޯނާކުރުން ނޫންކަމަށްވެސް ސްޕޭން ސަރުކާރުން ބުނެފައިވެއެވެ.
ކެޓަލޯނިއާގެ ރައީސް ކާލްސް ޕުއިގްޑެމޮންޓް ވިދާޅުވީ ސްޕޭންގެ މައިސަރުކާރުގެ ފުލުހުންނަށް ވޯޓުލުން އެއްކޮށް ނުހުއްޓުވޭ ކަމަށާއި ހެނދުނުގެ ވަގުތުތަކުގައި އެތަށް ބަޔަކު ވޯޓުލާފައިވާ ކަމުގައެވެ. އަދި ކެތަލޯނިޔާގެ ރައްޔިތުން މިހާރުވެސް މިނިވަންކަމަށް އާނބަސް ބުނެފި ކަމަށާ ސްޕޭންގެ ފުލުހުން ވޯޓު ފޮށިތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުރިން ގިނަ މަރުކަޒުތަކުގެ ވޯޓުލުން ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޕޯޓްތައް ބުނާގޮތުން ވޯޓުލާން ކަނޑައެޅި ދެހާސް ތިން ސަތޭކަ މަރުކަޒުގެ ތެރެއިން ސްޕޭންގެ ފުލުހުންނަށް ބަންދުކުރެވުނީ އެންމެ ތިންސަތޭކަ ވިހި ފޮއްޓެވެ. އެހެން ފޮށިތަކަށްވަނީ ވޯޓުލާފައެވެ. އަދި ހުއްޓުވި ފޮށިތަކަށްވެސް އެހެން އިންތިޒާމްތަކެއްގެ ދަށުން ވަނީ ވޯޓުލާފައެވެ.
ކެތަލޯނިޔާއަކީ ސްޕޭންގައި ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމުގެ ބޮޑެތި ބާރުތަކެއް ދީފައިވާ ސަރަހައްދެކެވެ.
ސްޕޭންގެ އާބާދީގެ ގާތްގަނޑަކަށް ސޯޅަ އިންސައްތަ މީހުން ދިރިއުޅެނީ ކެތަލޯނިއާ ސަރަހައްދުގައެވެ. އަދި ސްޕޭންގެ ގައުމީ އާމްދަނީގެ ގާތްގަނޑަކަށް ވިހި އިންސައްތަ ހިއްސާ ކުރަނީވެސް ކެތަލޯނިޔާގެ އުފެއްދުންތަކެވެ. އެހެންކަމުން ކެތަލޯނިޔާއިން މިނިވަންކަން އިއްލާންކުރުމުން ސްޕޭންގެ ދައުލަތް ވަރަށް ބޮޑަށް ބަލިކަށިވެ ނިކަމެތިވެގެންދާނެއެވެ. އަދި ސްޕޭންގެ ބާރާއި ނުފޫޒުވެސް ޔޫރަޕްގައި ވަރަށް ބޮޑަށް ކުޑަވެގެންދާއެވެ. (ނޫސްއެޖެންސީތައް)