އެޕަލް އިން މިދިޔަ މަހުގެ 22ގައި ތައާރަފް ކުރި އައިފޯން 8 ޕްލަސް 'ފަޅައިގެންގޮސް'، ފޯނު ދެ ފަޅިވާ މައްސަލައެއް އެކުންފުނިން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ދައްކާ ގޮތުގައި އައިފޯން ދެ ފަޅިވެފައި ވަނީ ސްކްރީނާ ދިމާލުންނެވެ. ޓައިވާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އޭގެ ތެރެއިން އެއް ހާދިސާ ހިނގީ، މީގެ ފަސް ދުވަސް ކުރިން ގަތް ފޯނެއް ޗާޖު ކުރަނިކޮށެވެ. އޭރު ފޯނު ޗާޖު ކުރަން ބޭނުން ކުރީ އެޕަލްގެ ކޭބަލަކާއި އެޑެޕްޓަރެއް ކަމަށް ނޫސްތަކުގައިވެ އެވެ.

ޓައިވާނުގެ އިތުރުން ޖަޕާނުގައި ހުންނަ އެޕަލްގެ ކަސްޓަމަރަކު ވެސް ވަނީ އެމައްސަލަ ރިޕޯޓުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އައިފޯން 8 ޕްލަސް ލިބުުނު އިރު ވެސް ފޯނުގެ ސްކްރީންގެ ބޮޑުބައެއް ވަނީ ވަކިވެފަ އެވެ.

އެޕަލް އިން ވަނީ އެ ދެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ދިމާވި ސަބަބެއް އެކުންފުނިން އަދި ބުނެފައި ނުވެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އައިފޯން 8 ޕްލަސް ދެ ފަޅިވާން މެދުވެރިވީ އޭގެ ބެޓެރި ފެއިލްވުމުންނެވެ. އަދި އެއީ ނުރައްކާތެރި ކަމެއް ނޫން ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.

ދުނިޔޭގެ ބާޒާރުގައި އެޕަލްއާ އެންމެ ވާދަވެރި ސެމްސަންގުން މީގެ ކުރިން ނެރުނު ނޯޓް 7 އަށް ވެސް ވަނީ އެފަދަ މައްސަލައެއް ދިމާވެފަ އެވެ. އެގޮތުން ނޯޓް 7ގެ ބެޓެރި ގޮވުމުގެ ސަބަބުން އެކުންފުންޏަށް ވަނީ މިދިޔަ އަހަރު މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.