30 Jul 2011, 14:50
ފަލަސްތީނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ޝަފީރު ޑރ. އަންވަރު އެޗްއަލް އަޣާ އެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ބެހޭ މައުލޫމާތުތައް ސިއްރު ކުރުމަށް އެގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޝަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމާ ބެހޭ މާބޮޑު ތަފްސީލެއް ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް އާއްމު ކޮށްފަ އެއް ނުވެ އެވެ.
އެބައްދަލުވުމާ ބެހޭ ގޮތުން ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހެއިރު މިއަދު ވިދާޅުވީ ފަލަސްތީނުގެ ޝަފީރާއެކު ބޭއްވެވި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ހާމަނުކުރުމަށް ޝަފީރުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށެވެ.
"މަޝްވަރާކުރެއްވި މައިގަނޑުތަކުގެ އިތުރު ތަފްސީލެއް ނުދެއްވުމަށް އެދިވަޑައިގެންނެވި ފަހަރުގައި އެކަމަކީ އެބޭފުޅުން ސެންސިޓިވް ކަމަށް ދެކޭ ކަމަކަށް ދެކެވަޑައިގެންނަވަންޏާމުން ވެސް އެހެން ވެދާނެ، މިސާލަކަށް އެގައުމުގެ ޕޮރިން ޕޮލިސީގެ ކަމެއްގައި ރާއްޖޭގެ ސަޕޯޓް ހޯދާ ކަމެއް ކަމަށްވުން ވެސް އެކަށީގެންވޭ،" ޒުހެއިރު ވިދާޅުވި އެވެ.
ނަމަވެސް އެބައްދަލުވުމުގައި ސީދާ މަޝްވަރާ ކުރެއްވި ވަކިކަމެއް ޒުހެއިރުވެސް ވިދާޅެއް ނުވެ އެވެ.
ރައީސް އޮފީހުން ބުނީ އެބައްދަލުވުމުގައި ރާއްޖެއާއި ފަލަސްތީނާ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.