މިދިޔަ ނޮވެމްބަރު މަހު ޝޫޓިންގް ފެށި "ޕަދްމާވަތީ" ޝޫޓް ކުރަން ފެށިތާ އަހަރަކާ ގާތް ވަނީ އެވެ.

ރަންވީރު ސިންގް އަކީ އޭނާއަށް ލިބޭ ކޮންމެ ރޯލެއްވެސް އެންމެ ފުރިހަމަ ގޮތެއްގައި އަދާ ކުރާ ފަންނާނެކެވެ. އޭނާއަށް ދީފައި ހުންނަ ޓާސްކް ފުރިހަމަ ނުކޮށް ދޫކޮށްލުމަކީ އޭނާގެ ސިފައެއް ނޫނެވެ.

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގައި އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް ނުލަފާ މީހެއްގެ ރޯލު އަދާކުރަން ޖެހުމުން ރަންވީރު އެކަމަށް ވަރަށްވެސް ފުރިހަމައަށް ތައްޔާރުވިއެވެ. ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ރުޅިގަދަ އަދި އަނިޔާވެރި ވެރިއެއްގެ ގޮތުގައެވެ.

އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ދިގުކޮށް އެ ރޯލަށް އޭނާ ތައްޔާރުވިއެވެ. އެ ފިލްމުގެ ޝޫޓިންގް އޮތް ދުވަސްވަރު ރަންވީރު އުޅެމުންދިޔައީ ހަމަ "ޕަދްމާވަތީ"ގައި އޭނާގެ ކެރެކްޓާ އުޅޭ ގޮތަށްކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

ފިލުމުގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގައި ވީނަމަވެސް ރަންވީރަށް އެކަމުގެ ނޭދެވޭ އަސަރު އޭނާގެ ކިބައިން ފެނި އުނދަގޫ ވުމުން މިހާރު އޭނާ އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ސައިކޭޓްރިސްޓެއްގެ އެހީ ހޯދަން ފަށާފައެވެ. ފިލުމުގައި މުޅިން ތަފާތު ރޯލަކުން ރަންވީރު ފެންނަ އިރު ފިލްމު ވެގެން ދާނީ މޮޅު ފިލްމަކަށް ކަން އެ ޓީމުން ބުންޏެވެ.

ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ "ޕަދްމާވަތީ" ގައި ދީޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރު ވެސް މުހިއްމު ކެރެކްޓާއަކުން ފެންނާނެ އެވެ.