02 Oct 2017, 09:09
ލިއޮނަލް މެސީ ކާމިޔާބު ކުރި ދެ ލަނޑާއެކު ބާސެލޯނާ ލަސް ޕަލްމާސްގެ މައްޗަށް ކުރި ހޯދައި ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-3 އިންނެވެ. މި ނަތީޖާއާއެކު އެ ޓީމު ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓު ވަނީ ހޯދާފައެވެ. ދެވަނައިގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އެވެ.
ކެޓަލޯނިއާގެ އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކެޓަލަންގެ ރައްޔިތުންގެ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަމުން ދިއުމާ ގުޅިގެން މެޗު ކުޅެފައިވަނީ ސަޕޯޓަރުންނާ ނުލައެވެ. މި މެޗު ފަސްކުރުމަށް ބާސާއިން އެދުނު ނަމަވެސް ސްޕެނިޝް އެފްއޭއިން ވަނީ އެކަން ބަލައި ނުގެންފައެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ބާސާ އެވެ. ނަމަވެސް ފުރަތަމަ ކޮޅު ގޯލަށް ރަނގަޅު ހަމަލާތަކެއް އުފެއްދީ ލަސް ޕަލްމާސް އެވެ. އެގޮތުން ފުރަތަމަ ހާފުގެ އެންމެ ރަނގަޅު ބޯޅަ ގޯލަށް ފޮނުވާލީ ވެސް އެ ޓީމެވެ. ޖޮނަތަން ކަލެރީ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ބާސާ އިން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާ އަކަށް ވީ މެޗުގެ 48 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސް ލަނޑެއް ޖަހައި ބާސާއަށް ލީޑު ނަގައި ދިނުމެވެ. މެސީ ނެގި ކޯނަރު ބުސްކެޓްސް ވަނީ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ބާސާގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓުގައި ޑެނިސް ސުއަރޭޒް ދިން ޕާހަކުން ލިއޮނަލް މެސީއެވެ. އޭގެ ހަތް މިނެޓު ފަހުން މެސީ ވަނީ އިތުރު ލަނޑެއް ޖަހައި ބާސާގެ ލީޑު ފުޅާ ކޮށްދީފައެވެ. އެއީ އޭނާ މި ސީޒަނުގައި ޖެހި 14 ވަނަ ލަނޑެވެ.
ބާސާ ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ފުޅާ ކޮށްފައިވާއިރު، ވާދަވެރި ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ރެއާލް ވަނީ ރޭ އެސްޕަނިޔޯލް އާ ދެކޮޅަށް ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެ މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ކާމިޔާބުކުރީ އިސްކޯއެވެ.