އުރީދޫގެ އާންމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އަގުލަބިއްޔަތުން އާންމު ހިއްސާދާރުންގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޒުހޫރު އައްޔަންކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި އުރީދޫގެ ފުރަތަމަ އާންމު ޖަލްސާގައި ހިއްސާދާރުންގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޒުހޫރު ހަމަޖައްސައިފައި ވަނީ އެ ޖަލްސާއަށް ހާޒިރުވި 699 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ތިން ބޭފުޅަކު ކުރިމަތި ލެއްވިއެވެ. އެއީ ފަރީހާ ޝަރީފް، އަހުމަދު ޒުހޫރު އަދި އިބްރާހިމް ފިރުޝާނެވެ.

އަހުމަދު ޒުހޫރު ޑިރެކްޓަރުންގެ ބޯޑަށް އަންޔަން ކުރައްވާފައި ވަނީ ވޯޓުލީ މީހުންގެ ތެރެއިން 282 ވޯޓާއެކުގައެވެ. އެ މަގާމަށް ކުރިމަތިލެއްވި ފަރީހާ ޝަރީފަށް ލިބިވަޑައިގެންފައިވަނީ 231 ވޯޓެވެ. އަދި އިބްރާހިމް ފިރުޝާނަށް ލިބިފައިވަނި 168 ވޯޓެވެ.

އާންމު ހިއްސާދާރުންގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރި ޒުހޫރު ވިދާޅުވީ، އުރީދޫގެ ބޯޑަކީ އިންޓަނޭޝަނަލް ބޯޑަކަށްވުމުން އުރީދޫގެ ޝެއާ އިންޓަނޭޝަނަލް މާކެޓަށް ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ޝެއާ އަކީ ހަމައެކަނި ޑިވިޑެންޓަށް ޑިޕެންޓް ވެގެން ތިބޭ އެއްޗެއްނޫން. ޝެއާ އަކީ ޓްރޭޑް ކުރެވޭ އެއްޗެއް. އެހެންވީމަ ޓްރޭޑް މާކެޓަކަށް މިކަހަލަ އިންޓަނޭޝަނަލް ކުންފުންޏެއްގެ ޝެއާ ދިވެހި ރާއްޖޭގެ އައިޕީއޯ އެއްގަ ޕުޝް ކުރުން އަޅުގަނޑު ބޭނުންވަނީ" ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރަކީ މާސްޓާ އޮފް އެކައުންޓިން އެންޑް ފައިނޭންޝިއަލް މެނޭޖްމެންޓް، މާސްޓާއޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާ އޮފް ސައިންސް އިން މަތީ ތައުލީމް ހާސިލް ކޮށްގެން ހުންނެވި ބޭފުޅެކެވެ. ޒުހޫރު މިހާރު ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.