02 Oct 2017, 09:20
ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ، "ބޮސް"ގެ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
ދިވެހީންގެ ހިތްތަކާ ކުޅެލި ތަފާތު ފިލްމުތަކެއް މިހާތަނަށް ބެލުންތެރީންނާ ހަމައަށް ގެނެސްފައިވާ ކްރިސްޓަލް އެންޓަޓެއިންމެންޓުގެ "ބޮސް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށް ދަނީ، ބެލުންތެރީންނާ ހަމައަށް ފިލްމު ދޫކޮށްލުމުގެ ކުރީން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ދިވެހި ފިލްމުތަކަށް ލޯބިކުރާ ހިތްތަކުން އަދިވެސް ފޮހެވިގެން ނުދާ މަޝްހޫރު ފިލްމުތައް ކަމަށްވާ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ، ލޯތްބާއި ޖަޒުބާތުން ފުރިގެންވާ، "ނަހޫ ސްޓައިލް"ގެ "ބޮސް"ގެ އެޑިޓިން މަސައްކަތް ކުރިއަށް ދާއިރު، އޭގެ ބައެއް މަންޒަރުތަކުގެ އަސަރުގައި، ޕްރޮޑަކްޝަން ޓީމުގެ ބައެއް މެންބަރުންވެސް ޖެހޭކަމަށް ވެއެވެ.
"މިހާރު ކުރިއަށް މިދަނީ، ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް. މަސައްކަތް ކުރިއަށް ދަނީ އެއްފަހަރާ ހަތަރު ސްޓޫޑިއޯގައި،" ނަހޫ ބުންޏެވެ.
ބޮސްގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށް ދާއިރު، ސެޕްޓެމްބަރު 26 ވަނަ ދުވަހުން ފެށިގެން ވަނީ، އެ ފިލްމުގެ ޓިކެޓަށް ނަންނޯޓުކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. އަދި ޓިކެޓް ވިއްކަން ފަށާނީ އަންގާރަ ދުވަހު އެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމު ރިލީޒްކުރާނީ އޮކްޓޫބަރު 31ގައި، ފިލްމުގެ ޓިކެޓް ނަންނޯޓުކުރުމަށް ހުޅުވާލާފައި ވާއިރު، ޓިކެޓް ވިއްކަން ފަށާނީ އޮކްޓޫބަރު 3 ވަނަ ދުވަހު -- ސަން ފޮޓޯ: ބޮސް
ނަހޫ "ސަން"އަށް ބުނީ، ފިލްމުގެ ޓިކެޓަށް ނަންނޯޓުކުރަން ހުޅުވާލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށެވެ. އަދި "މިހާރުވެސް ވަނީ ހަތަރު ޝޯ ގާތްގަނޑަކަށް ފުލްވެފައި" ކަމަށެވެ. ޓިކެޓް ވިއްކަން ފެށުމާއެކު، ޓިކެޓް ބުކިންގ ހުއްޓާލާނެ ކަމަށްވެސް ނަހޫ ބުންޏެވެ.
"ތިން ވަނަ ދުވަހު ޓިކެޓް ވިއްކަން ފަށާއިރު، މިހާރު ނޯޓުކޮށްފައި ހުރި ޓިކެޓްތައް މިމަހުގެ އަށް ވަނަ ދުވަހާ ހަމައަށް ނުނަގާ ނަމަ ކެންސަލް ވާނެ. ނޯޓްކޮށްފަ ތިބި މީހުން، ފޯނު ނަންބަރު ބުނީމަ ޓިކެޓް ވިއްކާނެ،" ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.
ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޒުވާން ތަރި މަރިޔަމް އައްޒައާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، "ބޮސް"ގެ ''ރެޑްކާޕެޓް ޝޯ''ގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާއަށެވެ. އަދި ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.
"ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޮސް"ގެ އޮފިޝަލް ޓްރެއިލަރ އެފިލްމުގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށްފައިވާއިރު މި ޓްރެއިލަރއަށް މިހާތަނަށް ވަނީ 1،32،000އަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.