01 Oct 2017, 23:51
އާސަންދަ ކުންފުނިން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އޮފީސް ހދ. ކުޅުދުއްފުށީގައި މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު އާސަންދަ އޮފީސް ހުޅުވައިދެއްވީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އުސައިދެވެ.
އޮފީސް ހުޅުވުމަށްފަހު އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އުސައިދު ވިދާޅުވީ، ކުޅުދުއްފުށީގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ ބޮޑު ތިލަދުއްމަތީ ރައްޔިތުންނަށް ހާއްސަކޮށް ކުޅުދުއްްފުށީ ރައްޔިތުންނަށް ވަރަށް ހެޔޮ ފާލެއް ކަމަށެވެ. އަދި އެ އޮފީހުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިއަށްވުރެ އަވަހަށް އާސަންދައިގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާސަންދަ ނޮދަން ރީޖަނަލް އޮފީހުގެ ނަމުގައި ހުޅުވި އެ އޮފީހާ ބެހޭ ގޮތުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ ވިދާޅުވީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރުވާވެސް މިހާރު ލިބޭ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ އަދި ބަލިމީހުންގެ އާއިލާތަކަށް އާސަންދައިގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ދެން ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުޅުވި އާސަންދައިގެ އޮފީހުން ކަމަށެވެ.
އާސަންދައިގެ ހިދުމަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމާއި ރިފަރަލް ޑޮކިއުމަންޓް ބަލައިގަތުމާއި ކޭސް ސިޓީތަކުގެ ޖަވާބު ދިނުމާއި އެ ނޫނަސް އާސަންދައިގެ މާލެ ފްރަންޓް އޮފީހުން ފޯރުކޮށް ދޭ ހުރިހާ ހިދުމަތެއް ކުޅުދުއްފުށީ އާސަންދައިުގެ ހޮސްޕިޓަލުން ވެސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.