ގްލެމް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ދެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހި އެ ކުންފުނީގެ ދަށުން ހިންގަމުން އައި މޭކަޕާއި ރީތިވުމަށް ބޭނުންވާ ހިދުމަތާއި ވަސީލަތްތައް ފޯރުކޮށްދެމުން އައި މަޝްހޫރު ގްލެމް ސެލޫން ބަންދުކޮށްފި އެވެ.

ގްލެމް ސެލޫންގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ނަދާ މިރޭ ސަން އަށް ވިދާޅުވީ ސެލޫން ބަންދުކުރީ ކުންފުނީގެ އަނެއް ހިއްސާދާރާ އެކު އެ ވިޔަފާރި ކުރަން ބޭނުން ނުވާތީ ކަމަށެވެ.

"ގްލެމް އިންވެސްޓްމަންޓް ލިކުއެޑޭޓް ކުރުމުގެ ގޮތުން ބަންދު ކުރުމަށް ނިންމީ،" ނަދާ ވިދާޅުވި އެވެ.

ގްލެމް ސެލޫން އަކީ މއ. މުރައިދޫގޭ ނަޖުމާ މޫސާ އާއި ހ. އަޒުމު ފާތުމަތު ނަދާ އާ ދެ ބޭފުޅުންގެ ހިއްސާ އެއްވަރަށް އޮންނަ ސެލޫން އެކެވެ.

ނަޖުމާ މޫސާ މިރޭ ސަން އަށް ވިދާޅުވީ ކުންފުނީގެ ވިޔަފާރީގައި އޭނާ ބައިވެރިވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނަދާ އޭނާ އަަށް ނުދެއްވާ ކަމަށާއި ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކީ ނަދާ ކަމަށެވެ.

އަދި ތަނުގެ ތިން މަހުގެ ކުލި ނުދެއްކިގެން ކަމަށް ބުނެ، ގޭގެ ވެރިފަރާތުން ތަން އަތުލުމަށް އަންގާފައިވާ ކަމަށް ވެސް ނަޖުމާ ވިދާޅުވި އެވެ.

"ވިޔަފާރީ ކުރިއަށް ގެންދަން އަދި ނުގެންދަން ވެސް އެނގޭނީ އެއްމޭޒެއްގެ ދޮށުގައި އިށީނދެ ވާހަކަ ދައްކައިގެން. އަޅުގަނޑަކަށް ނޭނގެ ސެލޫން ބަންދުކުރިކަމެއް ވެސް. އެއީ ހަމަ ކުރަމުންދާ ވިޔަފާރީއެއް،" ނަޖުމާ ވިދާޅުވި އެވެ.

ގްލެމް ސެލޫންގެ ދެ ހިއްސާދާރުންގެ ދެމެދުގައި މައްސަލަ ޖެހި ނަޖުމާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުންފުނީގެ އަނެއް ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު ހ. އަޒުމް ފާތިމަތު ނަދާއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމުގައި އޭނާ ބުނެފައި ވަނީ އޭނާގެ އެންގުމަކާ ނުލައި ކުންފުނީގެ އަސާސީ ގަވާއިދާ ހިލާފަށް ގްލެމް ސެލޫން ހިންގާ ކަމަށެވެ.

އެ ދައުވާގައި ބުނެފައި ވަނީ ނަދާ އެ ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދަނީ ނަޖުމާއަށް އެނގުމެއް ނެތި ކަމަށާއި އަދި ނަދާގެ ފަރާތުން ކުންފުންޏަށް، 450 ހިއްސާގެ އަގަށްވާ 450،000 ރުފިޔާ ހޯދައިދިނުމަށް ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ރޭ ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތާ ދެމެދު އެއްބަސްވެފައި ވަނީ، "ދައުވާ ލިބޭ ފަރާތުން ސެލޫންގެ އޮޕަރޭޝަނަލް، ނުވަތަ ހިންގުމުގެ މަސައްކަތް ކުރުމާއި ދައުވާ ލިބޭ ފަރާތުން ހިލާފުވައިވާ ކަމާއި އަދި ދައުވާ ކުރާ ފަރާތުގެ މަސްއޫލިއްޔަތު ކަމުގައިވާ ސެލޫންގެ ފައިސާއާ ބެހޭ ކަންކަމުގެ ތެރެއަށް ދައުވާ ލިބޭ ފަރާތުން ވަދެފައިވާކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް" ކަނޑައަޅާ ކަމަށެވެ.

ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ހިއްސާދާރު ކުންފުންޏަށް ނުދައްކައިވާ ހިއްސާގެ ފައިސާ ހޯދުމަށް އެދި ދައުވާ ކުރެވޭނީ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެން ކުންފުނީގެ ފަރާތުން އެ ފައިސާ ދެއްކުމަށް އެެންގުމަށް ފަހު ކަމަށް ކުންފުޏާ ބެހޭ ގާނޫނުގައި އެނގެން އޮންނަ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގައި ބުނަނީ އެެއްވެސް ސަބަބަކާ ހުރެ ކުންފުންޏެއްގެ އާންމު ޖަލްސާއެއް ނުބޭއްވިއްޖެ ނަމަ އެ ބައްދަލުވުމެއް ބާއްވައިދިނުމަށް ރެޖިސްޓާސް އޮފް ކޮމްޕެނީސް އަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ ބައްދަލުވުމެއް އެެއްވެސް ހިއްސާދާރަކު ބާއްވައި ނުދީފި ނަމަ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ބޭއްވިދާނެ ކަމަށާއި އެފަދަ ހާލަތެއްގައި އެ ޖަލްސާއެއްގެ ކަންކަންކަން ބަލަހައްޓާނީ ރަޖިސްޓްރާ އޮފް ކޮމެޕެނީސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ؛

"އަދި މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް، ކުންފުނީގެ ފަރާތުން އެފަދަ ނިންމުމެއް ނިންމުމަށް ބޯޑު ބައްދަލުވުމެއް ބޭއްވުމުގައި ދަތިތަކެއް ދިމާވާ ނަމަ، ގާނޫނު ނަމްބަރު 10/96 ( ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު)ގެ 72 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތަތީ، މި މައްސަލާގައި ދައުވާ ކުރާ ފަރާތުން އެދިފައިވާ ފަދައިން ހިއްސާގެ ފައިސާ ކުންފުންޏަށް ދެއްކުމަށް ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގެ ފަރާތުން އަންގާނެ ތަނެއް ނެތް ކަމަށް ކަނޑަައަޅައި، މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް، ދެ ފަރާތުންމެ ކުންފުނީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އަންގައި ހުކުމްކޮށްފީމެވެ."