ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުޅުވާލައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެ ހުއްދަ ދިނުމުގެ ގަވައިދުގެ ޖަދުވަލް 1 ގައި ވާގޮތަށް "ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް " ފުރިހަމަ ކުރުމަށް ފަހު ހުށައެޅުމަށް އެދޭ ކަމަށެވެ.

އަދި ފޯމުގައި ބަޔާންކޮށްފައިވާ ތަކައްޗެއްޗާ އެކު 31 އޮކްޓޯބަރު ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް ވަނީ ބުނެފައެވެ.

"ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް" ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން އަދި ލޯޔާސް.އެމްވީން ލިބެން ހުންނާނެކަމަށް ވަނީ ބުނެފައެެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާ މީހަކަށް ވަކާލާތު ކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ.