އަތޮޅުތަކުގެ ރަށްރަށުގައި ފޯރީގައި ރޯދަ އަށް ހައްދަމުން އައި ކަރާތައް މާލޭ ގެނެސް، ކަރާ މާރުކޭޓަށް ޖަމާކުރަން ފަށައިފި އެވެ.

ކަރާ މާރުކޭޓުގައި ފުނިޖަހައިގެން ކަރާ ވިއްކަމުން އަންނައިރު އާއްމު ގޮތެއްގައި ހުރިހާ ތަނަކުންވެސް މިއަދު ކަރާ ވިއްކަން ހުރީ 8ރ. އަށް 10ރ. އަށެވެ.

މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި އިން ކާށިދޫގެ ދަނޑުވެރި އަކު ބުނީ އެރަށުން ކަރާ މާލެ ގެންނަން ފަށާފައިވާއިރު ދިވެހި ކަރަލަށް ނުޖެހޭ ވަރަށް މިފަހަރުވެސް މާލެއަށް ކަރާ ގެންނާނެ ކަމަށެވެ. އަދި ބުނީ ކަރާ ގެންނަ ނިސްބަތަށް ބަލާއިރު މިފަހަރު ކަރާގެ އަގު ބޮޑުވެގެން ނުދާނެ ކަމަށެވެ.

ކަރާ ހެއްދުމަށް މަޝްހޫރު ތޮއްޑޫގެ ދަނޑުވެރިއަކު މިއަދު ބުނީ ދަނޑުތަކުން ރޯދައަށް ކަރާ ކެނޑުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެ ދެ ދުވަހެއް ކުރިން މާލޭ މާރުކޭޓަށް ކަރާ ނެރެފައިވާނެ ކަމަށެވެ.

" ވަރަށް ގިނަ އަދަދެއްގެ ކަރާ މާލެ ގެންދާނެ ކަމަށް މިބަލަނީ ސީދާ އަދަދެއް ނޭނގޭ، ކޮންމެ ދުވަހަކުވެސް ކަރާ މާލެ ގެންނާނެ،" އެ ދަނޑުވެރިޔާ ބުންޏެވެ.
ފުވައްމުލަކު ކައުންސިލްގެ މެންބަރު އަލީ ސައީދު މިއަދު ވިދާޅުވީ އެއަތޮޅުން މާލެ ގެންނަ ކަރާ ބަރުކޮށްގެން މިރޭ ބޯޓު ފުރާނެ ކަމަށާއި ރޯދައިގެ ފުރަތަމަ ދުވަހު ބާޒާރަށް ފުވައްމުލަކު ކަރާތައް ނެރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރާއި ހިލާފަށް މިއަހަރު އެރަށުން ހައްދާފައިވާ ކަރާގެ އަދަދު މަދުވާނެ ކަމަށެވެ.

" އެއާޕޯޓް ހަދަމުން އަންނަ ސަރަހައްދަކީ ކުރިން އަހަރު ގިނަ އަދަދަކަށް ކަރާ ހެއްދި ތަނެއް، އެހެންވެ ކުރީ އަހަރަށްވުރެ މާލެއަށް މިއަހަރު ބޭރު ކުރެވޭ އަދަދު މަދުވާނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން ކަރާ ގެނެސް މާލޭގެ ބާޒާރުގައި ވިއްކަން ފަށާފައިވާއިރު ރ. އަލިފުށިންނާއި ތ. ކަނޑޫދޫ އިން ވެސް އިއްޔެ ވަނީ ވިހި ޓަނުގެ ކަރާ މާލެ ގެނެސްފަ އެވެ. މިރޯދަ މަހު ލ. އަތޮޅު ގަމުން ވެސް ވަރަށް ގިނަ އަދަދަކަށް ކަރާ މާލޭގެ ބާޒާރަށް ނެރޭނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.