ކެޓަލޯނިއާ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ހަދަން ފެނޭތޯ ބެލުމަށް އެ ސްޓޭޓްގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގިޔަ ނުދިނުމަށް އެގައުމުގެ ފުލުހުން ހުރަސްތަކެއް ކުރިމަތިކުރަމުން ދިޔަ ނަމަވެސް އެ ވޯޓުލުން ފަށައިފި އެވެ.

ސްޕެއިން ސަރުކާރުން ބުނެފައި ވަނީ، ކެޓަލަންގެ މިނިވަންކަމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ކުރާ މަސައްކަތަކީ ޣައިރުޤާނޫނީ މަސައްކަތެއް ކަމަށް އެގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ބުނެފައިވާ ކަމަށެވެ.

ސްޕެއިން ފުލުހުން ދަނީ، ކެޓަލަންގެ ވޯޓުފޮށިތައް ބަހައްޓާފައިވާ މަރުކަޒުތަކަށް މީހުން ވަނުމަށް ހުރަސްއަޅައި، ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް އަތުލަމުންނެވެ.

ފުލުހުންގެ އަމަލުތައް އެގޮތަށް ހުރި ނަމަވެސް، ކެޓަލަންގެ އިސް އޮފިޝަލުން ވިދާޅުވަމުން ދަނީ، އެ ސަރަހައްދުގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް މިނިވަންކަމަށް އާނއެކޭ ބުނާނޭ ކަމަށެވެ.

ކެޓަލަންގެ ޓައުނެއް ކަމަށްވާ ޖިރޯނާގައި، ސަރަހައްދުގެ ލީޑަރު ކާލްސް ޕުއިޑަމެންޓް ވޯޓުލުމަށް ވަޑައިގަންނަވާ މަރުކަޒު ވަނީ ރަޔަޓުފުލުހުން ވަށާލައިފި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޓެލެވިޜަން ފުޓޭޖްތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ، ވޯޓުފޮށި ބަހައްޓާފައި ހުރި ސްޕޯޓްސް ސެންޓަރުގެ މެއިން އެންޓަރެންސްގެ ބިއްލޫރިތައް ތަޅާލައިފަ އެވެ. އަދި އެތަނަށް ވޯޓުލުމަށް ދާ މީހުނަށް ގަދަބާރުން އެ ސަރައްދުން ދުރުކުރަމުން ގެންދެ އެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުން، ފުލުހުން ކިތަންމެ ބޮޑަށް ހުރަސްއެޅިނަމަވެސް، ކާލްސް ޕުއިޑަމެންޓް ވޯޓުލައްވާނެ އެވެ.

ސްޕެއިންގައި އަމިއްލަ ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ، މިހާރު ވެސް އެގައުމުގައި ވަކި ސަރުކާރެއް އޮންނަ ކެޓަލަންގެ ރައްޔިތުން ވަނީ، ހުކުރު ދުވަހުން ފެށިގެން ވޯޓުލުމަށް ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން، ވޯޓުފޮށިތައް ބަހައްޓާފައި ހުރި، ބައެއް ސްކޫލްފަދަ ތަންތަނުގައި އެތަކެއް ހާސް ބެލެނިވެރިން ގެއަށް ނުގޮސް، ދަރިން ގޮވައިގެން އެތަންތަނުގައި ތިބިކަމަށްވެ އެވެ.

ފުލުހުން ހުރަސް އަޅާނޭކާން އެނގޭތީ ސަރަހައްދުގެ ދަނޑުވެރީން ވަނީ، އެމީހުން ދުއްވާ ލޯޑަރު ފަދަ ތަކެތި ފުލުހުންނަށް އުނދަގޫ ވާނޭ ގޮތަށް، މަގު ހުރަސް ވާގޮތަށް ބަހައްޓައި، ސްކޫލްތަކުގެ ގޭޓުތައްވެސް ނަގައިފަ އެވެ.

މިއަދު ހެނދުނު ސްޕެއިން ފުލުހުންގެ އެތައްކެއް ސަތޭކަ އޮފިސަރުން ވަނީ، އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ބާސެލޯނާއަށް މިސްރާބު ޖަހައިފަ އެވެ.

ރިފަރެންޑަމް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ، ވޯޓުގައި ބައިވެރިވާ ފަރާތްތަކުން، ހަމަހިމޭން ކަމާއެކު ފުލުހުންނާ މުއާމަލާތުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކެޓަލަން ރިފަރެންޑަމްގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ވަނީ އެންމެ ސުވާލެކެވެ. އެއީ "ކެޓަލޯނިއާ މިނިވަން ޖުމްހޫރީ ދައުލަތަކަށް ހެދުމަށް ބޭނުންތަ؟" މި ސުވާލެވެ. ދެން ބަހައްޓާފައި ހުންނަނީ "ޔެސް" އަދި "ނޯ" ޖަހާފައި ހުރި ދެ ވޯޓުފޮއްޓެވެ.

ކެޓަލޯނިއާ އަކީ ސްޕެއިންގެ އިރުއުތުރުގައި އޮންނަ ސްޓޭޓެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަގާފަތެއް ގެންގުޅޭ، ކެޓަލޯނިއާގައި 7.5 މިލިއަން މީހުންގެ އާބާދީއެއް އޮވެ އެވެ.