01 Oct 2017, 15:52
ލަންޑަން (އޮކްޓޯބަރު 1): މިޔަންމާގެ ސްޓޭޓް ކައުންސެލަރު އަންގް ސަން ސޫޗީ ތައުލީމު ހާސިލު ކުރެއްވި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ކޮލެޖުން އޭނާގެ ފޮޓޯ ނަގައިފި އެވެ.
ފިލޯސޮފީ އާއި ޕޮލިޓިކްސް އާއި އިކޮނޮމިކްސް އިން ސޫޗީ ބެޗްލާސް ޑިގްރީ ހާސިލު ކުރެއްވި އޮކްސްފޯޑްގެ ސެއިންޓް ހިއުސް ކޮލެޖުގައި ހުރި އޭނާގެ ފޮޓޯ ނެގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކޮލެޖުގެ ސްވާން ނޫހުގައިވާ ގޮތުން ސޫޗީގެ ފޮޓޯ ވަނީ ވަކި މުއްދަތެއް ވަންދެން 'ރައްކާތެރި ތަނަކަށް' ބަދަލުކޮށްފަ އެވެ. އަދި އެފޮޓޯ ހުރި ތަނުގައި ވަނީ ކުރެހުމެއް ހަރުކޮށްފަ އެވެ.
އެކޮލެޖުން ސޫޗީގެ ފޮޓޯ ބަދަލުކޮށްފައި ވަނީ މިޔަންމާގެ ރާކިން ސްޓޭޓުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އޭނާ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރައްވާތީ އެކަމަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންގާ މުސްލިމުންނަށް ކުރާ އަނިޔާއާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ މުސްލިމުންގެ އަދަދު މިހާރު ވަނީ 400،000 އަށް ވުރެ އިތުރުވެފަ އެވެ. (އިންޑިޕެންޑެންޓް)