01 Oct 2017, 15:49
އުތުރުކޮރެޔާގެ ހަތިޔާރުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި މަޝްވަރާގެ މޭޒުދޮށަށްދިޔުމުގެ އެއްވެސް އިޝާރާތެއް އުތުރު ކޮރެޔާ އަދިވެސް ނުދޭ ކަމަށާއި އުތުރު ކޮރާޔާގެ މަގްސަދަކީ ނިއުކްލިޔާ ބާރެއްގެ ގޮތުގައި އެގައުމު ބަލައި ގަތުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް މަޖްބޫރު ކުރުވުން ކަމަށް އެމެރިކާ ވަނީ ބުނެފަ އެވެ.
ޗައިނާ އަށް ކުރައްވާ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވިދާޅުވީ އުތުރު ކޮރެޔާގެ ހަތިޔާރުގެ މައްސަލައަކީ އެ ގައުމާ އެކު ވާހަކަ ދައްކައިގެން ހަތިޔާރު ނައްތާލާގޮތަށް (އުތުރު ކޮރެޔާއަށް ސަލާމަތީ ގެރެންޓީއެއް ދީގެން) ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް އެމެރިކާ ދެކޭތީ އެކަމަށް ޓަކައި މަޝްވަރާގެ މޭޒުދޮށަށްދޮށަށް އުތުރުކޮރެޔާ ގެނައުމަށް އެމެރިކާ މަސައްކަތް ކުރަމުންގެންދާ ކަމުގަ އެވެ.
މިކަމަށް ޓަކައި އެމެރިކާ އިން އުތުރުކޮރެޔާއާ ސީދާގޮތެއްގައި މުއާމަލާތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އުތުރުކޮރެޔާގެ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އެއްވެސް ވިސްނުމެއް އެގައުމުން ނުގެންގުޅޭ ކަމަށާއި އުތުރުކޮރެޔާ ބޭނުން ވަނީ ނިއުކްލިޔާ ބާރެއްގެ ގޮތުގައި އެ ގައުމު ބަލައިގަތުންކަމަށް ޓިލާސަން ވިދާޅުވި އެވެ. މިއީ އެމެރިކާ އިން އުތުރުކޮރެޔާއާ ސީދާގޮތެއްގައި މުއާމަލާތް ކުރިކަން އެމެރިކާގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ނިއުކްލިޔާ މައްސަލާގައި އުތުރު ކޮރެޔާ ގެންގުޅޭ ވިސްނުން ވެސް އެމެރިކާ ހާމަކުރި ފުރަތަމަ ފަހަރެވެ.
އުތުރުކޮރެޔާ ބުނާ ގޮތުން އެގައުމުގެ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓުވުމާ ބެހޭ ގޮތުން އެއްވެސް ގައުމަކާ މަޝްވަރާއެއް ނުކުރާނެ އެވެ. ނަމަވެސް ހަތިޔާރުގެ ޕްރޮގްރާމް ހުއްޓާނުލައި ސަރަހައްދަށް ސުލްޙަ ގެނައުމަށް ޓަކައި ކޮންމެ ގައުމަކާ އެކު ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތްކަން އުތުރުކޮރެޔާއިން ބުނެ އެވެ. އުތުރު ކޮރެޔާ އިން ވަނީ އެމެރިކާ އާއި ދުނިޔޭގެ އެހެން ބާރުތަކުން ވެސް ނިއުކްލިޔާ ހަތިޔާރު ނައްތާލަން އެއްބަސް ނުވަނީސް އެގައުމުން ވެސް ނިއުކްލިޔާ ހަތިޔާރު ނައްތާނުލާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ ފަދަ ބޮޑެތި ބާރުތަކަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހައްގު އޮވެފައި އެހެން ގައުމުތަކަށް އެހައްގު ނޯންނަ އުސޫލަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި އެއީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާއާ ވެސް ޚިލާފު ކަމެއްކަމަށް އުތުރު ކޮރެޔާ ބުނެއެވެ.
އެމެރިކާ އިސްވެ އޮވެގެން ނިއުކްލިޔާ ހަތިޔާރު ނައްތާލި ގައުމުތަކަށް އެމެރިކާ އެންމެ ފަހުން ވަނީ އަރައިގެންފަ އެވެ. އިރާގާއި ލީބިޔާ މީގެ ހެއްކަކަށް ފުދެ އެވެ. އިރާގާއި ލީބިޔާއަކީ އެމެރިކާގެ ފިއްތުންތައް ބޮޑުވުމުގެ ސަބަބުން ނިއުކްލިޔާ ޕްރޮގްރާމް ދޫކޮށްލި ދެ ގައުމެވެ. ނިއުކްލިޔާ ޕްރޮގްރާމް ދުކޮށްލިފަހުން އެމެރިކާ ވަނީ މިދެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެދެގައުމު ހަލާކުކޮށްލާފަ އެވެ. އަދި އެމެރިކާ އާއި ރަޝިޔާ ބާރުއަޅައިގެން ޔުކްރޭނުން ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމުން ރަޝިޔާ ވެސް ވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަނެ އެގައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ފާރްތަކަށް އެހީތެރިވާން ފަށައިފަ އެވެ.
ނިއުކްލިޔާ ހަތިޔާރު ހުރި ނަމަ ރަޝިޔާއަށް ވެސް އަދި އެމެރިކާއަށް ވެސް މިއިން ގައުމަކާ ދެކޮޅަށް މިފަދަ ކަމެއް ކުރަން ނުކެރޭނެ އެވެ. އީރާނަށް ވެސް އަދި އުތުކޮރެޔާއަށްވެސް އިސްވެ ޙަމަލާ ދޭން އެމެރިކާއަށް ނުކެރެނީ އެދެގައުމުގައި ނިއުކްލިޔާ ގާބިލްކަން ހުރުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.
އުތުރު ކޮރާޔާ ގެމަގްސަދަކީ ނިއުކްލިޔާ ބާރެއްގެ ގޮތުގައި އެމެރިކާ ވެސް އަދި އެހެން ގައުމުތަކުން ވެސް އެގައުމަށް އިޢްތިރާފް ކުރުވުމެވެ. މިގޮތަށް އިޢްތިރާފްވެއްޖެ ނަމަ އުތުރުކޮރެޔާއަށް ކަންކަމުގައި ފިއްތުންތައް ކުރިމަތިކުރުމުގެ ފުރްސަތު އެމެރިކާއަށް ވެސް އަދި ބޮޑެތި އެހެން ބާރުތަކަށް ވެސް ގެއްލިގެންދާނެ އެވެ. ނިއުކްލިޔާ ގާބިލްކަން އެހެން ގައުމަކަށް ލިބުމަކީ އެހަތިޔާރު މޮނޮޕޮލީ ކޮށްގެން އުޅޭ އެމެރިކާފަދަ ބޮޑެތި ބާރުތަކުގެ ބާރާއި ނުފޫޒު ދުނިޔޭގައި ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމެކެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ އީރާނާއި އުތުރު ކޮރެޔާ ދެކެ އެމެރިކާ ރުޅިއަންނަނީ މިސަބަބާ ގުޅިގެންނެވެ. އެއީ ބާރުވެރިކަން ހޯދަން މަސައްކަތް ކުރާތީ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ނިއުކްލިޔާ ހަތިޔާރު ތަޖްރިބާ ކުރުމުން ވެސް އެމެރިކާ އެދެގައުމަށް ފިއްތުންތައް ކުރިމަތި ކުރި އެވެ. ނަމަވެސް އެ ފިއްތުންތަކަށް އެދެގައުމު ބޯ ނުލެނބުމުން އެމެރިކާ އަށް ޖެހުނީ އެ ދެ ގައުމަކީ ނިއުކްލިޔާ ބާރުވެރިކަން ލިބިފައިވާ ދެ ގައުމު ކަމަށް އިޢްތިރާފްވާށެވެ. ނަމަވެސް ބޮޑެތި ބާރުތަކުގެ ނިއުކްލިޔާ ކްލަބަށް އެދެގައުމު ވެއްދުމަށް އަދިވެސް އެމެރިކާ އާއި ދުނިޔޭގެ ނިއުކްލިޔާ އެހެން ބާރުތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.