މަޖިލީހުގެ އިދާރާ ކައިރީ ހުންނަ ޖީ ސިކްސް ކެފޭ ތެރެއިން ހަމަލާދިން ޒުވާނާގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ އިސްމާއިލް ހަމްދާން ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ ޒުވާނަކެވެ. އެ ޒުވާނާ އަށް ހަމަލާދިނީ ޖީސިކްގެ މަތީބައިގައި ހިންދަ އެވެ. އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އެ ސަރަހައްދުގައި އެވަގުތު ތިބި މީހުން ވަނީ ބުނެފަ އެވެ.

އޭނާގެ ބުރަކަށީގެ ދެތަނަކަށް ވަރަށް ފުންކޮށް ތޫނުއެއްޗެއް ހަރާލާފައިވާ އިރު، ކަނާތަށް ތޫނުއެއްޗެއް ހެރުމުގެ ސަބަބުން ނާރެއް ވަނީ ބުރިވެފަ އެވެ.

ހަމްދާނެގެ އަތުގެ އޮޕަރޭޝަނެއް ހޮނިހިރު ދުވަހު ކޮށްފައިވާ އިރު އޭނާގެ އާއިލާއިން ބުނީ މިހާރު ހަމްދާނެގ ހާލު ރަނގަޅު ކަމަށެވެ. އޭނާގެ ދެ އަތްވެސް ވަނީ އޮޕަރޭޝަން ކޮށްފަ އެވެ.

އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އިތުރު ގެއްލުމެއް ނުލިބޭ ކަމަށެވެ.

މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްބަޔަކު ކޯޓުން ދޫކޮށްލާފައިވާ އިރު އަނެއް ބަޔަކު އަދިވެސް ތިބީ ހައްޔަރުގަ އެވެ.

އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި އެހެން މީހަކަށް ވެސް އަނިޔާވި ނަމަވެސް އޭނާގެ ހާލު ވެސް ރަނގަޅެވެ.