ތިނަދޫގެ ނަން ހަވަރު ތިނަދޫއަށް ބަދަލު ކުރަން އެ ރަށު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވި ސިޓީއާ ގުޅިގެން ހޯދަން ޖެހޭ ހޯދުންތަކާއި ކުރަންޖެހޭ މަޝްވަރާތަކުގެ އިތުރުން ތިނަދޫގެ ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާތައް ކުރުމަށް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ މަތީފެންވަރުގެ ވަފުދެއް ތިނަދޫއަށް ޒިޔާރަތްކޮށްފި އެވެ.

އިސް ވަފުދުގައި ހިމެނިވަޑައިގެން ތިނަދޫއަށް ދަތުރު ކުރެއްވެވި ސަރުކާރުގެ އިސް ވެރިޔަކު މިއަދު ވިދާޅުވީ މިރޭ ތިނަދޫގެ ރައްޔިތުންނާއެކު ހާއްސަ މަޝްވަރާތަކެއް ބާއްވަވާނެ ކަމަށާއި އެ މަޝްވަރާތަކުގައި ތިނަދޫ ޑިވެލޮމްމަންޓް ކޯޕަރޭޝަން އުފައްދައި އިއުލާން ކުރުމުގެ އިތުރުން ތިނަދޫގެ ނަމާއި އަދި ހުވަދޫ ބަޣާވަތުގައި ސަރުކާރުން ތިނަދޫއަށް ކުރިމަތި ކުރިވި ހާދިސާތަކާ ބެހޭ ގޮތުން ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުއްވެވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަަމާ ބެހޭ ގޮތުން ތިނަދޫގެ ރައްޔިތުންނަށް މަޝްވަރާކޮށް ހޯދަންޖެހޭ ހިޔާލު ހޯދައި ދިރާސާ ކުރައްވާނެ ކަމަށެވެ.

"މި ދަތުރުގެ އެއްބަޔަކީ އެއީ. އަނެއް ބަޔަކީ ތިނަދޫ ބިންވެރިކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކޮށް ތިނަދޫ ދިވެލޮޕްމެންޓް ކޯޕަރޭޟަން އިއުލާން ކުރުން، އެކަހަލަ ވަރަށް ގިނަ ކަންކަމާ ބެހޭ ގޮތުން މިރޭ މަޝްވަރާތައް ކުރާނެ،" ސަރުކާރުގެ އެ އޮފިޝަލު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 8000 މީހުން އުޅޭ ތިނަދޫ ކައުންސިލުން އެރަށުގެ ނަން އަލުން "ހަވަރު ތިނަދޫ" ބަދަލު ކުރުމަށް ރައީސަށް ފެނިވަޑައިގަންނަވާ ގޮތެއް ބެލުމަށް ފޮނުއްވެވީ ސިޓިއަށް މިރޭ ޖަވާބު ދެއްވާނެތޯ ދެންނެވުމުން އޮފިޝަލު ވިދާޅުވީ އެ ސިޓީއަށް މިރޭ ޖަވާބެއް ނުދެއްވާނެ ކަމަށާއި ތިނަދޫއަށް ވަފުދެު ޒިޔާރަތް ކުރެއްވީ ސިޓީއަށް ރައީސް ޖަވާބެއް ދެއްވުމުގެ ކުރިން ބަލަންޖެހޭ ހުރިހާ ބެލުމަކާއި ހޯދުންތަކެއް ހޯއްދެވުމަށް ކަމާބެހޭ ބޭފުޅުންނާއެކުގައި މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

ތިނަދޫއަށް ދަތުރުކުރި ސަރުކާރުގެ މަތީފެންވަރުގެ ވަފުދުގައި ހޯމް މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ހައުސިން މިނިސްޓަރާއި ތާރީހާ ބެހޭ ބޭފުޅުންނާއި ޕާލަމެންޓް މެންބަރުންނާއި ކަމާބެހޭ ދާއިރާތަކުގެ ސްޓޭޓް ވަޒީރުންނާއި ރައީސްގެ ޕްރެސް ސެކްރެޓަރީ އާއި ރައީސް އޮފީހުގެ ބައެއް އިސް ވެރިން ހިމެނިވަޑައިގަންނަވަ އެވެ.

ގދ. ތިނަދޫގެ ނަން "ހަވަރު ތިނަދޫ" އަށް ބަދަލު ކުރުމަށް ރައީސްޖުމްހޫރިއްޔާގެ ލަފާފުޅަކަށް ތިނަދޫ ކައުންސިލުން އެދިފައި ވަނީ ތިނަދޫގެ ނަމުގެ ކުރިޔަށް ހަވަރު ކަނޑައިލިތާ 32 އަހަރު ފަހުންނެވެ. ތިނަދޫގެ ނަމުން ހަވަރު ކަނޑައިލެއްވެވިކަން އިއުލާން ކުރެއްވެވީ ޖޫން 27، 1979 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޙާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫއަށް "ހަވަރު ތިނަދޫ" އެނަން ކިޔަނީ ދިވެހި ރަސްކަމުގެ ލަޝްކަރުތައް ކަމަށްވާ ދޮށިމޭނާވަރާއި ވެލާނާވަރާއި ހަކުރާވަރާއި މާފަތްވަރާއި ދަހަރާވަރާއި ފާމުލަދޭރިވަރަށް ނިސްބަތް ކޮށެވެ. އައްސުލްތޯނުލް ޣާޒީ މުހައްމަތު ތަކުރުފާނުލް އައުޒަމްގެ ރަސްކަމުން ފެށިގެން ތިނަދޫ އޮތީ ހަވަރުގެ ބެލުމުގެ ދަށުގަ އެވެ. ސުލްތޯނު މުހައްމަދު މުއީނުއް ދީން އެކެއްގެ ރަސްކަމާ ހަމައަށް ތިނަދޫގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަވަރުގެ ހަ ބޮޑު ބޭކަލުންގެ ތެރެއިން ބޭކަލަކު ތިނަދޫގައި ގާއިމުވެ ހުންނެވި އެވެ. އޭގެ ފަހުން ތިނަދޫ އާއި ކާޑެއްދޫ އާއި ކުބުއްޑޫން ހަވަރަށް ގެންނަން ޖެހޭތަކެތި ނަގައި މާލެ ގެނައުމަށް އައްޔަން ކުރައްވާފައި ހުންނެވީ ގޮއިވެރިއެކެވެ.

ވާރު އޮޑީގައި އަހަރަކު އެއް ފަހަރު ހަވަރަށް ގެނެވޭ ތަކެތި ހަވަރަށް ބައްސަވައި ދެއްވަނީ މާލޭ ދެ ދޮރާށި ދޭތެރޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިގެނެވެ. މިކަން ހުއްޓައިލީ 1959 ގައެވެ. ތިނަދޫގެ އެންމެ ފަހުގެ ގޮއިވެރިއަކީ ހިރިހަމާތި ކަލޭފާނެ އެވެ.

ތާރީހުގެ ބައެއް ވާހަކަ ބުނާ ގޮތުން ތިނަދޫގެ ހާދިސާތަކުން ދުވަސްވީ އެއްކަމަކީ އިސްލާމުންނާއި ކާފަރުން މެދު، ތިނަދޫގައި ކުރި ވާން ދެއްކި ހަނގުރާމައެކެވެ. އެކަމުގައި ބޮޑުތަކުރުފާނު މާލެއިން ހަވަރު ގެންގޮސް ހަނގުރާމައެއްކޮށް އެ ހަނގުރަމާ ކުރި ހަވަރާ ގުޅުވައިގެން ހަވަރު ތިނަދޫ ކިއީ އެވެ. )އެ ހާދިސާގެ މައްޗަށް ތާރީހީ ބަލައިލުމެއް ފަހުން ލިޔާނަމެވެ(

ތިނަދޫގެ ރައްޔިތުންގެ އަތުން އަހަރަކު އެއްފަހަރު މާލޭގެ ހަވަރަށް ދައްކަންޖެހޭ ތަކެތީގެ ތެރޭގައި 300 ބޮޑު ފަތަފޮޅި އާއި 1200 ވެށުން، 1200 ކާޑެއްދޫ ކުނަލާއި ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި 16 ބުރީގެ ވަކަވަލަކާއި ގޮއި އޮޑިއެއްގެ ބޮއްލުރައަކާއި ރަށުގެ ކޮންމެ މީހެއްގެ އަތުން ދެ ސަމުސާ ކާށިތެލާއި އަދި ކޮންމެ މީހެއްގެ އަތުން ބޮއިކޮއްޓޭ ބޮލި ހިމެނެ އެވެ.