ރާއްޖެއަކީ އަމާންކަމާއި ރައްކާތެރިކަމާ އެކު އުޅެވޭނެ ތަނަކަށް ހަދައި އެކަމުގައި ދުނިޔޭގެ ނަމޫނާއަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ދޮށީ އުމުރުގެ މީހުންގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ބޭނުން ހިފައިގެން ރާއްޖެއަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އަމާންކަމާ އެކު ދިރިއުޅެވޭނެ މުޖުތަމައުއަކަށް ހަދަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ، ތަރައްގީއަށް ޓަކައި ކުރާ މަސައްކަތުގެ ފޮނި މީރުކަން އިހުސާސް ކުރެވޭނީ އޭރުން ކަމަށެވެ.

"މި އިސްލާމީ މުޖުތަމައަކީ ހުރިހާ ކުލައަކަށް ހުރިހާ ފަންތިއެއްގެ އިތުރުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އަމާން ކަމައި ރައްކާތެރިކަމާ އެކު ދިރިއުޅެވޭ ފަދަ ތަހުޒީބު މުޖުތަމައަކަށް ހެދުމަށް. މިކަމުގައި މިސަރަހައްދު ކީއްކުރަންތޯ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވެސް ނަމޫނާއަކަށް ހެދުމަށް،" ޖިހާދު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމާއި ފަންނުވެރިކަމަށް ވާގިވެރިވުމަށް ޓަކައި ދޮށީ އުމުރުގެ މީހުންގެ އިލްމާއި އިރުޝާދުގެ ބޭނުން ވަރަށް ވެސް މުހިއްމު ކަމަށެވެ.

އެހެންކަމުން ދޮށީ އުމުރުގެ މީހުންނަށް ދޭ އެހީތެރިކަން މިހާރަށްވުރެ އިތުރުކޮށް އެފަދަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދޮށީ އުމުރުގެ އެއްވެސް ބޭފުޅަކު މުޖުތަމައުން އަދި ގޭތެރެއިން ވެސް ބާކީ ނުކުރުމަށް ގޮވާލަން. ހަމައެއާ އެކު ދޮށީ އުމުރުގެ ބޭފުޅުންގެ އިހުސާސްތައް ދެނެވަޑައިގަތް ފުރިހަމަ އިހްތިރާމާއި ގަދަރު ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ވެސް އިލްތިމާސް ކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ.