މެޑްރިޑް (އޮކްޓޯބަރު 1): ސްޕެއިންގައި އަމިއްލަ ވެރިކަމެއް އޮންނަ ސަރަހައްދެއް ކަމަށްވާ ކެޓަލޯނިއާ އެގައުމުން މިނިވަން ވުމާ ބެހޭ ގޮތުން މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓު ސްޕެއިން ސަރުކާރުން މަނާ ކުރި ނަމަވެސް، އެވޯޓުގައި ބައިވެރިވާން ގިނަ ބަޔަކު ތައްޔާރުވެއްޖެ އެވެ.

ކެޓަލޯނިއާއަކީ މިނިވަން ޖުމްހޫރިއްޔައަކަށްވާން ފެނޭތޯ ބެލުމަށް ނަގާ އެއިންތިހާބުގެ ވޯޓު އަޅާ ފޮށިތައް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ މީހުން ވޯޓުގައި ބައިވެރިވާނެ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުންޏެވެ. އެވޯޓުގައި ބައިވެރިވުމުގެ ގޮތުން ބައެއް މީހުން ވަނީ ވޯޓު ފޮށިތައް ހުރި ސަރަހައްދުގައި ކޭމްޕު ޖަހައިގެން މަޑުކޮށްފަ އެވެ.

ސްޕެއިންގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ އެއީ ގާނޫނާ ހިލާފު ވޯޓެއް ކަމަށާއި އެވޯޓު ހުއްޓުވަން ފުލުހުން ފޮނުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ވޯޓުލާން ހަމަޖެހިފައިވާ ބައެއް ސްކޫލްތައް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އަދި ސްކޫލުތަކުގައި ކޭމްޕު ޖަހައިގެން ތިބި މީހުން ނެރެލާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.

އޭގެ ސަބަބުން ވޯޓު އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ވޯޓު ލާން ހަމަޖައްސާފައިވާ ސެންޓަރުތައް "ދިފާއު" ކުރަން ވޯޓު ލާ ފަރާތްތަކުން ނިކުތުމަށް ގޮވާލާފަ އެވެ.

އެވޯޓާ ދިމާކޮށް އިއްޔެ ގިނަ އަދަދެއްގެ މީހުން މީހުން ވޯޓާ ދެކޮޅަށް އަޑު އުފުލައި، ސްޕެއިންގެ އެއްބައިވަންތަކަމަށް ގޮވާލުމުގެ ގޮތުން މުޒާހަރާކޮށްފަ އެވެ.

ސްޕެއިންގެ އިރުއުތުރުގައި އޮންނަ ކެޓަލޯނިއާއަކީ 7.5 މިލިއަން މީހުންގެ އާބާދީއަކާއި، އަމިއްލަ ބަހަކާއި ސަގާފަތެއް އޮންނަ ސަރަހައްދެކެވެ. (ބީބީސީ)