01 Oct 2017, 11:22
ސްޕެއިންގެ ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ، ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.
މަލޯކާއިން 2014 ވަނަ އަހަރު 3.9 މިލިއަން ޔޫރޯގެ އަގަކަށް ރެއާލްއާ ގުޅުނު އުމުރުން 21 އަހަރުގެ އަސެންސިއޯ، އެ ކްލަބުގެ އެއްބަސްވުން އާކުރީ އިތުރު ހަ އަހަރު ދުވަހުގެ މުއްދަތަކަށް އެ ކްލަބުގައި މަޑުކުރާ ގޮތަށެވެ. އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ދެން ނިމުމަކަށް އަންނާނީ 2023 ވަނަ އަހަރެވެ.
ރެއާލްއާ ގުޅުމަށް ފަހު ލޯނު އެއްބަސްވުމެއްގެ ދަށުން އެނބުރި މަލޯކާއަށް އަސެންސިއޯ ކުޅުނެވެ. އެއަށް ފަހު ތަޖުރިބާ ހޯދުމުގެ ގޮތުން އޭނާ އެސްޕާނިޔޯލްގައި ވެސް އެއް ސީޒަން ހޭދަކުރި އެވެ.
ރެއާލްގެ ފުރަތަމަ ޓީމުން އަސެންސިއޯއަށް ޖާގަ ލިބެން ފެށީ 17-2016 ސީޒަނުގަ އެވެ. ޔޫއެފާ ސުޕާ ކަޕްގައި ސެވިއްޔާ އަތުން މޮޅުވި މެޗުގައި ފެނުމަށް ފަހު، ގިނަ ދުވަސްތަކެއް ނުވެ ސްޕެނިޝް ލަލީގާގައި ރެއާލްގެ ޖާޒީގައި އޭނާ ވިދަން ފެށި އެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާ 23 މެޗެއްގައި އަސެންސިއޯ ފެނިގެންދިޔަ އިރު، ޔޫއެފާ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކައި، އަށް މެޗުން ތިން ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޔުވެންޓަސް ކޮޅަށް އޭނާ ޖެހި ލަނޑު ފާހަގަކޮށްލެވެ އެވެ.
ރެއާލަށް ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން 2016އިން ފެށިގެން ސްޕެއިންގެ ސީނިއާ ގައުމީ ޓީމުގެ ސްކޮޑުން ވެސް އަސެންސިއޯއަށް ޖާގަ ލިބެމުންދެ އެވެ. އޭގެ އިތުރުން އަސެންސިއޯ ވަނީ މި އަހަރުގެ 21 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގައި ސްޕެއިން ޓީމަށް މޮޅު ކުޅުމެއް ދައްކައި، މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.