އޮޓަވާ (އޮކްޓޯބަރު 1): ފްރާންސުން އެމެރިކާއަށް ދަތުރު ކުރަމުން ދިޔަ އެއާ ފްރާންސްގެ ބޯޓެއްގެ އިންޖީން ދަތުރުމަތީގައި ހުއްޓި، ކުއްލިއަކަށް ބޯޓު އަނބުރާލަން ޖެހިއްޖެ އެވެ.

އެއާބަސް އޭ380 މަރުކާގެ އެބޯޓުގެ ހަތަރު އިންޖީނުގެ ތެރެއިން އެކަތި ފެއިލްވީ ގްރީންލޭންޑުގެ ހުޅަނގުން، އެޓްލާންޓިކް މަތިން ދަތުރުކޮށްފައި ދަނިކޮށެވެ. އެއަށް ފަހު ތިން އިންޖީނުގެ އެހީގައި ދަތުރު ކުރަމުން ދިޔަ އެބޯޓު ވަނީ ގަޑިއެއްހާ އިރު ފަހުން ކެނެޑާގައި ޖައްސާފަ އެވެ.

އެއާފްރާންސުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެބޯޓުގެ އެއް އިންޖީނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި އެހާދިސާ ހިނގި ވަގުތު ކުރޫއިން އަމަލު ކުރި ގޮތަށް އެއެއާލައިނުން ވަނީ ތައުރީފުކޮށްފަ އެވެ.

އެބޯޓުގައި ހުރި ކުރީގެ އެއާކްރާފްޓް މެކޭނިކެއް ކަމަށްވާ ޑޭވިޑް ރެމާ ބުނި ގޮތުގައި ބޯޓުގެ އިންޖީން ހަލާކުވި ވަގުތު ބާރުގަދަ އަޑެއް އިވި، ފްލައިޓް ގުޑުނެވެ. އޭނާ ލަފާ ކުރާ ގޮތުގައި އިންޖީން ހަލާކުވީ އޭގެ ބުރަފަތި ހަލާކުވުމުންނެވެ. ނަމަވެސް ބުރަފަތި ހަލާކުވާން މެދުވެރި ސަބަބެއް އަދި އެނގިފައި ނުވެ އެވެ.

އެއާފްރާންސުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި 496 ފަސިންޖަރުންނާއި 24 ކުރޫއިން ތިއްބެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި ކެނެޑާގައި ތިބި ފަސިންޖަރުން ބަލާ އެއާފްރާންސުގެ އެހެން ބޯޓެއް ފޮނުވާނެ ކަމަށް އެއެއާލައިނުން ބުނެ އެވެ. (ބީބީސީ)