30 Jul 2011, 12:45
ރާއްޖޭގެ ޑިފެންސް މިނިސްޓަރް ތޮލްއަތު އިބްރާހިމް ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޕާކިސްތާނަށް ވަޑައިގަތުމަށް އެގައުމުގެ ސެނެޓްގެ ޗެއާމަންއާއި ޑިފެންސް މިނިސްޓަރު ދައުވަތު އަރުވާފައިވާ ކަމަށް ޕާކިސްތާންގެ ނޫހަކުން މިއަދު ބުނެފި އެވެ.
އެސޯސިއޭޓެޑް ޕްރެސް އޮފް ޕާކިސްތާންގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނަނީ ރާއްޖޭގެ މަތީފެންވަރުގެ ވަފުދެއް ޕާކިސްތާނަށް ޒިޔާރަތްކުރެއްވުމުގެ މުހިއްމުކަން އެގައުމުގެ ބޮޑުވަޒީރު ފާހަގަ ކުރެއްވި ކަމަށެވެ.
އެ ނޫސް ބުނި ގޮތުގައި ރާއްޖޭގެ މަތީފެންވަރުގެ ވަފުދެއް ޕާކިސްތާނަށް ވަޑައިގަތުމުގެ މުހިއްމުކަން ޕާކިސްތާންގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީ ފާހަގަ ކުރެއްވީ މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބުރާހިމް ހުސައިން ޒަކީއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރާއްޖޭގެ ވަފުދެއް ޕާކިސްތާނަށް ޒިޔާރަތްކުރެއްވުން މުހިއްމުވަނީ ދެގައުމުގެ ދެމެދުގައި އޮންނަ އިތުބާރު ވަރުގަދަ ކުރުމާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު ވިދާޅުވިކަމަށް ވެސް ނޫހުގައި ވެއެވެ.
ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅުގައި ގައި މިދިޔަ ބުރާސްފަތިދުވަހު ރާއްޖޭގެ ސްޕެޝަލް އެންވޯއީ ޒަކީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޔޫސުފް ވިދާޅުވެފައި ވަނީ ސަރަހައްދީ ގުޅުންތައް ރަނގަޅުކޮށް، ވިޔަފާރި ފުޅާކޮށް ސަރަހައްދުގެ އިގުތިސާދު ރަނގަޅުކުރަން ޕާކިސްތާނުން ބޭނުންވާ ކަމަށެވެ. އަދި ޕާކިސްތާންގެ ފޮރިން މިނިސްޓަރް ހީނާ ރައްބާނީ ދާދިފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ސާކްގެ ހިންގުމަށް ރަނގަޅު އަސަރުތަކެއް ކުރާނެކަމަށް ވެސް ޔޫސުފް ފާހަގަކުރައްވާފައި ވެއެވެ.
ރާއްޖޭގެ ސްޕެޝަލް އެންވޯއީ ޕާކިސްތާންގެ ބޮޑުވަޒީރަށް ކުރެއްވި ޒިޔާރަތުގައި އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ 17 ވަނަ ސާކްސަމިޓަށް، ރާއްޖެ ވަޑައިގަތުމަށް އެދިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅެއް ޕާކިސްތާންގެ ބޮޑުވަޒީރަށް އެރުއްވިއެވެ.
ސްޕެޝަލް އެންވޯއީ އެބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ޕާކިސްތާންގެ ވިޔަފާރިވެރިން ހޯދުމަށް ގޮވާލެއްވި އެވެ.