14:30


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ގެންނަ މައްސަލަ ބެލުމަށް ތިން މެންބަރަކު ހުށަހެޅުއްވުމާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ތިން މެންބަރަކު ހުށަހެޅުއްވުމުން އެ މައްސަލަ ބެލުމަށް އެކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރަށް ބައްދަލުވުމުގެ ނޯޓިސް އެ ކޮމިޓީގެ މެންބަރުންނަށް ފޮނުއްފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.


މި މައްސަލަ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހުށަހެޅުއްވި ތިން މެމްބަރުންނަކީ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަދި ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމެވެ.


ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އެ ކޮމިޓީގެ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އަންގައި މަޖިލީހުން މިއަދު އެސްއެމްއެސްއެއް ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ޤައުމީ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައިވާތީ ވީހާވެސް ގިނަ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރެއްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.