01 Oct 2017, 09:15
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ފެށުނު އޮކްޓޫބަރުމަހުގައި ގެންނަން ހަމަޖެހިފައިވާ ޑްރެޖަރު "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ޕްރޮޖެކްޓްތައް ވެސް ކުރިއަށްގެންދަން އެ ކުންފުނިން ނިންމައިފިއެވެ.
ރޭ ހޮޓެލް ޖެންގައި އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ގަންނަން ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ، ރާއްޖޭގައި އެފަދަ ބޮޑު ޑްރެޖަރެއް އޮތުމުން، ބޭރުގެ ޑްރެޖިންގެ މަސައްކަތް ކުރާ ގައުމުތަކަށް ވެސް އެކަން އެނގިގެންދާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައިވެސް ޑްރެޖަރު މާކެޓް ކުރެވި ރާއްޖެއިން ބޭރުގެވެސް ޑްރެޖްކުރުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުސްތަގުބަލުގައި މީތި ރާއްޖެއިން ބޭރުގަ މާކެޓް ކުރެވިގެން ރާއްޖެއިން ބޭރުގަވެސް ޑްރެޖް ކުރުމުގެ ގޮތުން، ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އެމްޓީސީސީއިން ކުރިއަށް ގެންދާނެ. އެ ގޮތުން އެ ޕްލޭން ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާކަން ދަންނަވާލަން،" ނިޔާޒު ވިދާޅުވިއެވެ.
އެމްޓީސީސީ އިން ބުނީ މަހާ ޖައްރާފް ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.
ހުކުރު ދުވަހު ނެދަލެންޑްގައި ބޭއްވި ރަސްމިއްޔާތެއްގައި މަހާ ޖައްރާފު ބަނދެދިން ކުންފުނިން ވަނީ މަހާ ޖައްރާފު އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން މަހާ ޖައްރާފާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.