01 Oct 2017, 09:23
ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ގައުމުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކްރައުޑް ސޯސް ފަންޑެއް ހުޅުވައިފިއެވެ.
ރޮހިންގާގެ މުސްލިމުންގެ މައްސަލަ މި ފަހަރު ހޫނުވިފަހުން ފަސް ލައްކައެއްހާ މީހުން އެ ގައުމު ދޫކޮށް ބަނގުލަދޭޝަަށް ވަދެފައިވާ ކަމަށް އދ. އިން ބުނެއެވެ.
ހުސެއިން މުހައްމަދު އަދި ނަޖުމާ މަޒާމެދު އިސްކޮށް ތިބެގެން އެ ކެމްޕޭނު ފެށީީ އެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްޓަކައި ބައިނަލަގްވާމީ ހިއުމަން ރައިޓްސް ލޯޔަރުން ހޯދުމަށެވެ.
މުހައްމަދާއި ނަޖުމާ ބުނީ އެ ކެމްޕޭން ފެށީ ބައިނަލަގްވާމީ ދުނިޔެއިން މިހާތަނަށް ރޮހިންގާ މުސްލިމުންގެ ހައްގުތައް ހޯދުމަށްޓަކައި އެއްވެސް މަސައްކަތެއް ނުކުރާތީވެއެވެ.
އެ ކެމްޕޭން ކާމިޔާބު ވެއްޖެނަމަ ލޯޔަރުން ބަނގުލަދޭޝަށް ގޮސް ރޮހިންގާ މުސްލިމުންނާ ސުވާލުކޮށް ހެކ ިހޯދައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާނެއެވެ. ބައިނަލްއަގްވާމީ ތަހުގީގީ ކޮމިޝަނެއް އުފެއްދުމަކީ ވެސް އެ ކެމްޕޭނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނާ ވެސް ވަނީ އެ ފަދަ ކޮމިޝަނެއް އުފެއްދުމަށް ގޮވާލައްވައިފިއެވެ.
މިޔަންމާގެ ސަރުކާރުން ދެކޭގޮތުގައި ރޮހިންގާ މުސްލިމުންނަކީ އެ ގައުމަށް ގަވައިދާ ހިލާފަށް ވަދެގެން އުޅެމުންދާ ބައެކެވެ. ރޮހިންގާ މުސްލިމުންގެ އަތުން ރައްޔިތުކަން ނިގުޅައިގެންފައި ވާއިރު ހުރިހާ އަސާސީ ހައްގުތަކުންވެސް އެމީހުންވަނީ މަހުރޫމުވެފައެވެ.