މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގައި މިހާރު ތިބި ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ، މިފަހަރު ހިއްސާ ގަތުމަށް ހުޅުވާލައިފައިވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބިފަރާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެ ހިއްސާދާރަކު ދީފިނަމަ ހިއްސާ ގަތުމުގެ ފުރުސަތު އާންމު ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެމްޓީސީސީން މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިޔާޒު ވިދާޅުވީ އެގޮތަށް ހިއްސާ ވިއްކަން ނިންމީ އެމްޓީސީސީ އިން ގެންނަ މަހާ ޖައްރާފު ގެނައުމަށް ސަރުކާރުން ލޯނު ފައިސާގެ ގޮތުގައި ދީފައިވާ 11 މިލިއަން ޑޮލަރުގެ އަގަށް އެ ކުންފުނީގެ ހިއްސާ ދިނުމަށް ނިންމުމުން އެހެން ހިއްސާދާރުންނަށްވެސް ހަމަ އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކަންރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ސަބަބަކީ ސަރުކާރަށް އެ ފައިސާ އަލުން އަނބުރާ ދައްކަން ވެއްޖެނަމަ ކުންފުންޏަށް މާލީ ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ނިންމެވީ ވަރަށް ރަނގަޅު ނިންމުމެއް. އެގޮތުން ސަރުކާރުގެ ހިއްސާ އެކުލެވޭ ވަރަށް ސަރުކާރުންވެސް ހިއްސާ ބައްލަވައިގަންނާނެ އެ އަދަދަށް. އެ އާއެކު ސަރުކާރުން ބައްލަވައިގަންނަ ކަމުގައި ވެއްޖެއްޔާ ކުންފުނީގެ އެހެން ހިއްސާދާރުންނަށް އެ ފުރުސަތު ލިބެން އެބަ ޖެހޭ،" ނިޔާޒު ވިދާޅުވިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކަން ހަމަޖެހިފައިވާ އަގަކީ ހިއްސާ އަކަށް 62 ރުފިޔާއެވެ. އަދި ހިއްސާ ގަތުމުގެ ފުރުސަތު އަންނަ މަހުގެ 19 އިން ފެށިގެން ޑިސެންބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށް ހުޅުވާލާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިއްސާ އެކަށައެޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 24 ގައިކަމަށްވެސް އެމްޓީސީސީން ބުންޏެވެ.