ޙައްޖާއި ޢުމްރާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވާ އަދި ހަށިގަނޑަށާއި ހަށިގަނޑުގެ ނިޒާމުތަކަށް ލޮޑުކަން ގެނެސްދޭ ބުރަ އަޅުކަމެކެވެ. އަޅުކަމުގެ ބުރަކަމުގެ އިތުރުން އެއްތަނަކަށް ގިނަޢަދަދެއްގެ މީހުން ޖަމާވާ މިފަދަ ކޮންމެ ކަމަކާއި ގުޅިފައިވާ ޞިއްޙީ ވަރަށް ގިނަ މައްސަލަތައް ހުންނާނެއެވެ. ޙައްޖަކީ މުޅިދުނިޔެއިންވެސް އެންމެ ގިނަޢަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވާ ޖަމާވުމެވެ. މީގެ ތެރޭގައި ބަލި ޙާލަތުގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުންނާއި ސަޤާފީގޮތުން ވަރަށް ތަފާތު ހިސާބުތަކުން އަންނަ މީހުން ތިބޭނެއެވެ. މިފަދަ މާޙައުލެއްގައި ދުޅަހެޔޮކަމާއި އެކު ފުރިހަމަ ޞިއްޙަތެއްގައި ހުރެ އަޅުކަން އަދާކުރުމަކީ ކޮންމެ މީހެއްގެވެސް އެދުމަކަށް ވާނެކަން ކަށަވަރެވެ. އެހެނީ އަޅުކަމުގެ ތެރޭގައި ޞިއްޙީ މައްސަލަތަކެއް ދިމާވެ ނުވަތަ ބަލިޙާލު ބޮޑުވެ އަޅުކަމަށް ބުރޫއެރުމަކީ ނުވަތަ އަޅުކަން ފުރިހަމަ ނުކުރެވި ދިއުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތަކަށް ނުވާނެތީއެވެ. އެހެންކަމުން ޙައްޖާއި ޢުމްރާއަށް ދިއުމުގެ ކުރިން ޞިއްޙީގޮތުން ވާންޖެހޭ ތައްޔާރީތަކެއް އޮވެއެވެ. އަދި އަޅުކަމުގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް ވެއެވެ.

އެންމެ ފުރަތަމަ ކަމަކީ ތިމާގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ މެޑިކަލް ޗެކްއަޕް ހެދުމެވެ. މިކަމުގެ ބޭނުމަކީ އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭފަދަ ޞިއްޙީ ޤާބިލުކަމެއް ހުރިތޯ ބެލުމެވެ. އަދި ބޭނުންވާ ޚާއްޞަ އެހީތެރިކަން ދެނެގަނެ އެފަދަ އިންތިޒާމު ހަމަޖެއްސުމެވެ. މެޑިކަލް ޗެކްއަޕް ހެދުމުގައި ތިމާގެ އެއްވެސް ޞިއްޙީ މައްސަލައެއް ވާނަމަ، ނުވަތަ ބޮޑުބައްޔަކަށް ފަރުވާކޮށްފައިވާނަމަ ނުވަތަ އެއްވެސް އޮޕަރޭޝަނެއް ކޮށްފައިވާނަމަ ނުވަތަ އެއްވެސް ބޭހެއް ބޭނުންކުރަމުންދާނަމަ އެކަމެއް ތަފްސީލުކޮށް ތެދުބަހުން ޑޮކްޓަރަށް ކިޔާދޭންވާނެއެވެ.

ދެވަނަ ކަމަކީ ޙައްޖާއި ޢުމްރާއަށް ދިއުމުގެ ކުރިން ޖަހަންޖެހޭ ވެކްސިން ޖެހުމެވެ. މިގޮތުން ޖަހާ ވެކްސިން ތަކަކީ އިންފުލުއެންޒާ ވެކްސިނާއި، މެނިންގޯކޮކަލް ވެކްސިނާއި، ޕޯލިއޯ (ވާބަލި) ވެކްސިން އެވެ. މީގެތެރެއިން ބައެއް ވެކްސިން ތަކަކީ ޙައްޖު ޢުމްރާ އަޅުކަމަށް ދިއުމަށް ބޭނުންވާ ވިސާ ހޯދުމަށް ސަޢޫދީ ސަރުކާރުން ލާޒިމްކުރާ ވެކްސިންތަކެކެވެ. މިވެކްސިންތައް މަޖުބޫރުކުރުވާ ސަބަބަކީ އެކި ޤައުމުތަކުގެ އެކި ފަންތީގެ އެހާގިނަ ބަޔަކު އެއްތަނަކަށް އެއްވާއިރު ފެތުރިދާނެ ބަލިތަކަކުން ސަލާމަތްވުމެވެ. މީގެތެރެއިން ބައެއް ވެކްސިންތައް ތަޢާރަފްކުރެވުނީ އެބަލިތައް ޙައްޖު ނުވަތަ ޢުމްރާ އަޅުކަމުގެ ތެރެއިން ފެތުރުމާއި ގުޅިގެންނެވެ. ވެކްސިނަކީ ތިމާގެ އަމިއްލަ ރައްކަލަކަށް ޖަހާއެއްޗެކެވެ. އެހެންކަމުން ދުރާލާ ވެކްސިން ފުރިހަމަކުރުމަކީ މުހިންމުކަމެކެވެ. މީގެ އިތުރުންވެސް ކޮލެރާ، ޔެލޯފީވަރ އަދި ހެޕަޓައިޓިސް ބީ ވެކްސިން ޖެހުން ބުއްދިވެރިއެވެ. މިވެކްސިން ތަކަކީ މިފަދަ ތަންތަނުގައި ފެތުރުމުގެ ފުރުޞަތު ބޮޑު އަދި އެއިން ބައްޔެއް ޖެހިއްޖެ ނަމަ މީހާގެ ޙާލު ވަރަށް ބޮޑުކޮށްލަފާނެ ބަލިތަކަކުން ރައްކާތެރިވުމަށް ޖަހާ ވެކްސިންތަކެކެވެ. އެކި ވެކްސިން އިން އެކި މުއްދަތަށް މީހާ ރައްކާތެރިކޮށްދެއެވެ. އެހެން ކަމުން ތަކުރާރުކޮށް ޙައްޖާއި ޢުމްރާގެ އަޅުކަމަށްދާ މީހުން ކޮންމެ ފަހަރަކު ހުރިހާ ވެކްސިން ޖަހާކަށް ނުޖެހޭނެއެވެ. ވެކްސިން ޖެހުމަށްފަހު ދޫކުރާ ލިއުން ރައްކާތެރިކަމާއެކު ބޭއްވުމަށްފަހު ޖެހިގެން އަންނަ ފަހަރު ޖަހަންޖެހޭ ވެކްސިން ދެނެގަތުމަށް ޑޮކްޓަރަށް ނުވަތަ ވެކްސިން ޖަހައިދޭ ތަނުގެ މުވައްޒަފުންނަށް ދެއްކުން އެދެވިގެންވެއެވެ.

ތިންވަނަ ކަމަކީ ހަކުރު ބައްޔާއި، ހިތުގެ ބަލި އަދި ލޭމައްޗަށް ދިއުމާއި ފުއްޕާމޭގެ ބަލިތައް ފަދަ ބަލިތަކުގައި ދިގުމުއްދަތަކަށް ނުވަތަ އަބަދު ބޭސް ބޭނުންކުރަން ޖެހޭ މީހުން ވާންޖެހޭ ތައްޔާރީ އެވެ. އެގޮތުން ޑޮކްޓަރަށް ދައްކައި ބަލީގެ ޙާލަތު ދެނެގަނެ އަޅުކަމުގެ ދުވަސްވަރު ބޭހަށް ނުވަތަ ބޭހުގެ ޑޯޒަށް އެއްވެސް ބަދަލެއް ގެންނަންޖެހޭތޯ ބެލުމެވެ. އަދި އެފަދަ ކަމެއް ކުރަންޖެހޭނަމަ އެބަދަލެއް ސާފުކޮށް އޮޅުންފިލުވައި އެކަމަށް ތައްޔާރުވުމެވެ. ހަމަ އެހެންމެ އަޅުކަމުގައި ހޭދަވާ ދުވަހަށް ބަލައި މަދުނުވާނެ މިންވަރަށް ބޭސްހޯދައި އަތުގައި ބެހެއްޓުމެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ނުވަތަ އަޅުކަމުން އެނބުރި އަންނަ މީހުންގެ މެދުގައި އެންމެ ޢާންމު ބައްޔަކީ އަރިދަފުސް ރޯގާއެވެ. މިގޮތުން ވަރަށް އާދައިގެ ރޯގާއިން ފެށިގެން ގޮސް ފުއްޕާމޭގައި ޖަރާސީމު އަށަގަނެ ނުރައްކާ ވުމާއި ހަމައަށް ފެނެއެވެ. މިފަދަ ރޯގާ ފެތުރުނަ ނުދިނުމަށް އެންމެ މުހިންމީ ބަލިޖެހިފައި ތިބޭމީހުން ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި ބަލިނުޖެހިތިބޭމީހުންނާއި ދުރުގަ އުޅުމާއި އެންމެންވެސް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމެވެ. އަދި މަގުމައްޗަށާއި ބިންމައްޗަށް ކުޅުޖެހުމާއި އަރިދަފުސް ނުފޮޅުމެވެ.

ބޭރަށް ހިންގުން ޖެހުމުން ރައްކާތެރިވުމަށް ކޮންމެ ފަހަރަކު ގަޟާޙާޖަތް ކުރުމަށްފަހު އަދި ކެއުމާއި ކާތަކެތީގައި އަތްލުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަން ޖެހެއެވެ. އަދި ބޯފެނާއި ކާތަކެއްޗަކީ ސާފުތާހިރު ރައްކާތެރި ތަކެތިކަން ޔަގީންކުރަން ޖެހެއެވެ. ބޭރަށްހިންގާނަމަ ހަށިގަނޑުން ފެނާއި ލޮނު މަދުވެ ލޭގެ ޕްރެޝަރު ދަށްވެ ނުރައްކާވެދާނެކަމަށް ސަމާލުވާން ޖެހޭނެއެވެ. މިގޮތުން ގިނައިން ދިޔާތަކެއްޗާއި ލޮނު ޕެކެޓް ބޭނުންކުރަންވާނެއެވެ.

ދުވާލުގެ ވަގުތުގައި އަތްވާއި ހޫނުގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނު މަދުވެދާނެއެވެ. މިކަމުން ސަލާމަތްވުމަށް ގިނަގިނައިން ފެންބުއިން އާދަކުރާށެވެ. ރޯދަމަހުގެ ދުވާލު ގަޑީގައި ގިނައިރު އަވީގައި އަދި ހޫނުގައި ނުއުޅުމާއި ދުވާލުގަޑީގައި ގެއްލިގެންދާ ފެނާއި ލޮނުގެ ބައިތައް، ބޭނުންވާ މިންވަރަށް ރޭނގަޑު ބުއިމަށް އާދަކުރާށެވެ. ދުވާލު އަވީގައި އުޅެންޖެހޭނަމަ ކުޑައެއް ބޭނުންކުރުމަކީ ރައްކާތެރިކަމެކެވެ.

ބައެއްފަހަރަށް ރޭގަނޑުގެ އަދި ފަތިހުގެ ވަގުތުތަކުގައި މާބޮޑަށް ފިނިވުމަކީ އެކަށީގެންވާ ކަމެކެވެ. އަރިދަފުސް ރޯގާޖެހިފައިވާނަމަ ފިނީގެ ސަބަބުން ބަލި އިތުރަށް ގޯސްކުރުވަފާނެއެވެ. އެހެންކަމުން ފިނިން ރައްކާތެރިވުމަށް އެކަށީގެންވާ ގަންޖިފަރާހެއް ނުވަތަ ޖެކެޓެއްފަދަ އެއްޗެއް ލާށެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަމުގައި އުޅޭއިރު ތަފާތު އަނިޔާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ފަޔަށް ނުވަތަ ފައިތިލައަށް އަނިޔާވުމާއި ފިތިގެން އަނިޔާވުން ކައިރިއެވެ. މީހުން މާގިނަ ވަގުތު ތަކުގައި ބައިބޯ ތަންތަނާއި ދުރުގައި ހުރުން ބުއްދިވެރިއެވެ. އަދި އެކްސިޑެންޓް ފަދަ ކަންކަމުން ރައްކާތެރިވުމަށް މަގުމަތީގެ ޤަވާޢިދުތައް ދެނެގަނެ އެއަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

އެއްވެސް ބައްޔެއް ހުރިނަމަ ނުވަތަ އެއްވެސް ބައްޔަކަށް ބޭސްބޭނުންކުރަމުންދާ ނަމަ ފުރުމުގެ ކުރިން ގްރޫޕުގެ ޑޮކްޓަރަށް ނުވަތަ ޞިއްޙީ އެހީތެރިންނަށް އެމަޢުލޫމާތު ފުރިހަމައަށް ދިނުމަކީ މުހިންމު ކަމެކެެ. އަދި ދަތުރުމަތީގައި ނުވަތަ އަޅުކަމުގެ ތެރޭގައި ޞިއްޙީ އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ޖަމާޢަތުގެ ޑޮކްޓަރާ ނުވަތަ ޞިއްޙީ އެހީތެރިއަކާ ބައްދަލުކޮށް އެހީތެރިކަން ހޯދާށެވެ.