"ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖްގައި އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ މެސެޖްގައި ބުނެފައިވަނީ ސްކޫލް ދަރިވަރުންނަށް ކޭންޑީއެއްގެ ގޮތުގައި މީހުން އެ ޑްރަގު ދެމުންދާ ކަމަށާ އޭގެ ރަހަތައް ހުންނަނީ ކުދިން އެންމެ ގަޔާވާ ގޮތަށް ކަމަށެވެ. އެހެންކަމުން ގޮތް ނޭނގޭ މީހުން ދޭ އެއްޗެހި ނުކެއުމަށް ބެލެނިވެރިން، ދަރިވަރުންނަށް އެންގުމަށް އެ މެސެޖްގައި ވަނީ ބުނެފައެވެ.

"ސްޓްރޯބެރީ" ނަމަކަށް ކިޔާ އެ ޑްރަގް މިހާރު ސްކޫލްތަކުގައި ދައުރުވަމުންދާ ވާހަކައަށް ރައްދު ދެމުން ފުލުހުން ބުނީ އެފަދަ އެއްވެސް މައްސަލައެއް ނުވަތަ މެސެޖްގައި ބަޔާން ކޮށްފައިވާ ހާލަތަށް ނިސްބަތްވާ އެއްވެސް މައްސަލައެއް އެއްވެސް ސްކޫލަކުން ނުވަތަ ޓީޗަރެއް ނުވަތަ ބެލެނިވެރިއެއްގެ ފަރާތުންވެސް އެކަހަލަ އެއްވެސް ރިޕޯޓެއް ކޮށްފައިނުވާ ކަމަށެވެ.

"މީގެ ތެދު ދޮގު ބަލައިލިއިރު މިއީ އެއްވެސް އަސްލެއް ހުރި ވާހަކަ އެއްނޫން. ރަގަޅު މައުލޫމާތެއްވެސް ނޫން. ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ފެތުރިގެން އެ ދަނީ. އެއްވެސް ފަރާތަކުންވެސް ނެތް މި ފަދަ ކަމެއް ރިޕޯޓްކޮށްފައެއް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހަގިގަތް އެކުލެވިގެންނުވާ އަސްލެއް ނެތް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.