ދުނިޔޭގެ މަޝްހޫރު މެރިޓައިމް ސާވިސް ޕްރޮވައިޑާ ރޯޔަލް އައިއެޗްސީ އިން ބަނދެގެން އެމްޓީސީސީ އިން ރާއްޖެ ގެންނަ މަހާ ޖައްރާފް އެ ކުންފުނިން އެމްޓީސީސީއާ ހަވާލް ކޮށްފި އެވެ.

އިއްޔެ ނެދަލެންޑްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މަހާ ޖައްރާފްއާ ހަވާލްވެވަޑައިގަތީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ. އަދި އައިއެޗްސީގެ ފަރާތުން އެމްޓީސީސީއާއި މަހާ ޖައްރާފް ހަވާލް ކޮށްދެއްވީ އައިއެޗްސީގެ ސީއީއޯ ޑޭވް ވެންޑާ ހޭޑް އެވެ.

އެމްޓީސީސީ އިން ބުނީ މަހާ ޖައްރާފް ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

އެ ޑްރެޖަރު ބެނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.